ބާ ކައުންސިލް އިންތިޚާބު ބާއްވާނެ އުސޫލަށް ބަދަލެއް ގެންނާން ޖެހޭ ނަމަ އެބަދަލެއް ގެންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ބާ ކައުންސިލްގެ އިންތިޚާބު ބާއްވާނެ އުސޫލާ ގުޅޭ ގޮތުން ގިނަ ޚިޔާލުތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި ކޮމިޝަނުގައި މަޝްވަރާކުރުމަށް ފަހު ބަދަލެއް ގެންނާން ޖެހޭ ނަމަ އެބަދަލެއް ގެންނާނެ ކަމަށެވެ.
ބާ ކައުންސިލްގެ އިންތިޚާބު ކުރިޔަށް ގެންދާނެ އުސޫލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގާނޫނީ ބައެއް ވަކީލުން ވެސް ވަނީ އީސީން މިހާރު އާންމުކުރައްވާފައިވާ އުސޫލާ މެދު ޚިޔާލުތަކެއް ފާޅުކުރައްވައިފަ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، މިހާރު އާންމުކުރި އުސޫލުގައި ބަދަލު ގެންނާން ޖެހޭ ކަންކަން ހުރި ނަމަ އެކަން ކުރުމުގެ ވިސްނުން ކޮމިޝަނުގައި އެބަހުރި ކަމަށާއި އުސޫލު ފައިނަލް ކުރައްވާނީ ގާނޫނީ ވަކީލުންނާއި ދާއިރާއާ ގުޅުން ހުރި ފަރާތްތަކުގެ ވިސްނުމާ ވެސް އެއްގޮތަށް ކަމަށެވެ.