އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ކެރިވަޑައިގަންނަވާނަމަ، މެންބަރުން އިށީނދެވަޑަިއގެން ރަލާއި އޫރުމަސް ރާއްޖެއަށް އެތެރެކުރުން، މިއަދުން މިއަދަށް މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.
"ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ" ގެ ބިލުގެ ބަހުސްގައި ރާއްޖޭގެ ތަރައްގީގެ މިސްރާބާހެގޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖެ ތަރައްގީވަމުން އަންނަ ސްޕީޑުން އިތުރަށް ތަރައްގީ ކުރުމަށް މީހުންގެ ވިސްނުން ބަދަލުވާންޖެހޭ ކަމަށެވެ. ނަމަވެސް އެއީ އިސްލާމްދީނާ ހިލާފު އެއްވެސް ކަމެއް ކުރުން ނޫންކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އިސްލާމްދީނާ ހިލާފުވާ ވާހަކަ ދައްކަނީ، ވަކިކަމެއްކުރަންވީމަ ކަމަާއި، ރަލާއި އޫރުމަސް ސަރުކާރުން ހުއްދަދީގެން ވިއްކާއިރު އެއީ ދީނާ ހިލާފުވުން ނޫންތޯ؟ ޖާބިރުގެ ވާހަކައިގަ ސުވާލު އުފެއްދެވިއެވެ.
"ރާއްޖޭގައި މިހާރުވެސް ރަލާއި އޫރުމަސް ރިސޯޓްތަކުގައި ކީއްވެގެންތޯ ދެނީ، މިއަދު ބަންދު ކުރަންވީނޫންތޯ، އަޅެ ނިކަންކެރެންޏާ މި މަޖިލީހުގެ މެންބަރުން އިށީންދެލައިފަ ނިންމަންވީނޫންތޯ، މިއަދު ގޮތެއް، މިއަދުންފެށިގެން ދިވެހި ރާއްޖޭގައި ރަލާއި، އޫރުމަސް އިންޕޯޓްކޮށްގެން ނުވާނެޔޭ، އަޅުގަނޑު މި ބުނަނީ ކިހާ ގޯސްކަމެއްތޯ، ސުންނީ މުސްލިމު ގައުމެއްގައި ރަލާއި އޫރުމަސް ވިއްކައިގެން މިލިބޭ ލާރިން މިކުރާންކަންތައް، ސުބުހާނަﷲ، ހެޔޮނުވާނެނޫންތޯ މިވަރުކަމެއް ކުރާކަށް ހަމައެކަނި ވަކި ކަމެއް ކުރަންވީމަތޯ އިސްލާމްދީނާ ހިލާފުވަނީ އިސްލާމްދީނާ ކިތައްޒަމާންވެއްޖެތޯ އަޅުގަނޑުމެން ހިލާފަށް މި ރަލާއި އޫރުމަހާ ވިއްކާތާ ސަރުކާރުން ހުއްދަ ދީގެން ހުއްޓާލަން ހިނގައިބަލަ،" ބައެއް ކަންތައްތަކަށް ޖެއްސުން ކުރެއްވުމުގެ ގޮތުގައި ފާޑު ވިދާޅުވަމުން ޖާބިރު ވިދާވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން ނުކުހުއްޓުވޭނީ، އޭރުން އަނގައާއި އަތާ ދިމާނުވާނެތީ ކަމަށެވެ.
"އޭރަކުން ދޯންޏަކު ތެލެއް ނުހުންނާނެ. ދަތުރު ފަތުރު ކުރަންޖެހޭނީ ފަތައިފަ، ރިޔަލު ބޮއްކުރައެއްގައި އުޅޭކަށް ވެސް މިހާރަކު ނޭނގޭނެ،" ޖާބިރު ވިދާޅުވިއެވެ.