މ. ކޮޅުފުށި

ކޮޅުފުށީގައި ސަތޭކަ ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތްކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބްލް ރެޖިސްޓްރީ ފީއެއްގެ ގޮތުގައި 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރަށް ދިވެހި ރުފިޔާ ދައްކަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ވެއެވެ. އަދި ފައިސާ ބަލައިގަންނާނީ އިއްޔެއިން ފެށިގެން މިމަހުގެ 29 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 އަށް ކަމަށް ވެސް އިއުލާންގައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މި ބީލަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.

މި އަހަރުގެ ބަޖެޓުގައި ފަސް ރަށެއްގައި ހައުސިން ޔުނިޓު އެޅުމަށް ބަޖެޓްކޮށްފައިވެއެވެ.

މިދިޔަ މަހުގެ 15 ގައި ކޮޅުފުށީ ކައުންސިލު މެންބަރުން ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާކުރައްވައިފައެވެ.

އޭގެ ތެރޭގައި ސުނާމީއަށް ފަހު އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިފައިވެއެވެ. މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް އެދިފައެވެ. މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށްވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފައެވެ.