ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރުމަށް ނިންމިއިފިއެވެ.
މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރަނީ އައްޑޫ ސިޓީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށެވެ. އެކަމާ ގުޅޭގޮތުން އަސްލަމްއާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުވުމަށް، 14 ދުވަހުގެ ނޯޓިސްއެއް މިއަދު ވަނީ ފޮނުވައިފައެވެ. ނަހުލާއާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރައްވަނީ، ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާއިރު މަގުތަކުގައި އެއްގަމު އުޅަނދުތައް ޕާކުކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަކީ ދައުލަތުން ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމުން އެދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކީ ކޮބައިތޯ ސުވާލުކުރުމަށެވެ.