ޖުމްހޫރީ ޕާޓީ

އިންތިހާބުތަކާ ދިމާކޮށް، ޖޭޕީން ޕްރައިމަރީތައް ބާއްވަން ނިންމައިފި

އިންތިހާބުތަކުގައި ވާދަކުރުމަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓު ދިނުމުގައި ޕްރައިމަރީތައް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޖޭޕީއަށް މެމްބަރަކު ސޮއިކުރުމަށް މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ޕާޓީގެ 129 އަދި 130 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މުހިންމު ނިންމުންތައް ނިންމާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ޕާޓީގެ ޓިކެޓުގައި ޕާލަމަންޓަށް ކުރިމަތިލުމުގައާއި އަދި ކައުންސިލަށް ވެސް ކުރިމަތިލުމުގައި ހަމަ މިގޮތަށް ވާދަވެރި މާހައުލެއްގައި، އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ، މީގެ ކުރިއާ ހިލާފަށް އަޅުގަނޑުމެން ބޭނުން ޕްރައިމަރީއެއް ބާއްވައިގެން ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދާގޮތަށް ނިންމަން އަޅުގަނޑުމެން ގަސްދުކުރަން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޕާޓީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި މިދެންނެވި އިސްލާހުތައް އެކުލެވިގެންދާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދަތުރުކުރާނެ ކަމަށާއި ދިވެހި ރައްޔިތުން ވިސްނުންތެރިކަމާއެކީ އެ ޕާޓީއާ ގުޅުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ސަލާމަތާއި މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި، އަދި ގައުމުގެ އިގްތިޞާދީ، އިޖުތިމާއީ އެންމެހައި ކަންތައްތަކަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ޕާޓީއެއް ކަމަށްވީ ހިނދު، އަޅުގަނޑުމެންގެ މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މެމްބަރުންގެ ފަރާތުންނާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ސަޕޯޓުކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދެން،" ގާސިމް ވިދާޅުވިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ ޖޭޕީއާ އަލަށް ގުޅުނު 200 މީހުންގެ ފޯމާ ހަވާލުވެވެޑައިގެންފައެވެ.