ފާއިތުވި އަހަރު މާލީ ބަޔާން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިނުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބެންޖެހޭ އިމްތިޔާޒުތަކާއި ހައްގުތަކަށް ގާނޫނާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ދައުލަތުގެ އިދާރާތަކުން ތަފާތު އެކި ގޮތްގޮތުން ހުރަސްއަޅާފައިވުމުގެ ސަބަބުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފާއިތުވެދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ރައީސް މަސީހަށް ފޮނުއްވި ސިޓީއެއްގައި ފާރިސް ވަނީ މަޖިލީހުގެ މެމްބަރުން ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅަން ބޭނުންވާ ވާހަކައާއި ގާނޫނާ ހިލާފަށް ބަންދުކޮށް ހައްގުތައް ނިގުޅައިގަނެ ހިފަހައްޓާފައިވާތީ މާލީ ބަޔާން މިވަގުތަށް ހުށަހެޅެން ނެތްކަމާއި އަދި މާލީ ބަޔާން ތައްޔާރުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުމާއެކު އެ ބަޔާން ތައްޔާރުކޮށް ހުށަހަޅަން ގަސްދުކުރާ ވާހަކަ ވެސް ދަންނަވައިފައެވެ.
ނުކުރާ ކުށެއްގެ ދޮގު ތުހުމަތު އަޅުވައި، ގާނޫނާ ހިލާފަށް ބަންދުކޮށް، ހައްގު ނޫން ދައުވާ އުފުލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި މަޖިލީހާއި އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުރަސްއެޅުމުގެ ސަބަބުން މަޖިލީހުގެ މެމްބަރެއްގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަން ވެސް ފާރިސްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ފާރިސްގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން:
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ހުކުމެއް ކްރިމިނަލް ކޯޓުން ފާރިޝްގެ މައްޗަށް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ފާރިޝް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރިއިރު އެ މައްސަލަ ހައި ކޯޓުން ބާތިލުކޮށްފައިވަނީ ހުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފައި ވަނިކޮށެވެ. ފާރިޝް ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގެ ހުކުމްގައި އޭނާއަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ޝަރީއަތް ހިންގާފައިވާތީއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ވަނީ ފާއިތުވެދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅާފައި ނުވާ ހަތް މެމްބަރުންގެ ނަންތައް އާންމުކޮށްފައެވެ. ފާރިސްގެ އިތުރުން ދެން ހިމެނޭ ހަ މެމްބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި އަހްމަދު ރަޝީދު އިބްރާހީމެވެ.
އެ މެމްބަރުންގެ ތެރެއިން ސިނާނާއި މުހައްމާއާއި ޝަހުދީ އަދި ސައުދަކީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ހަތަރު މެމްބަރުންނެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައިމަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މިދިޔަ އަހަރުއެވެ. އޭގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ހުކުމް ކުރި އިރު، ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ތާވަލުކޮށްފައިވެއެވެ.