ކާނަލް މުހައްމަދު ނާޒިމް

ކާނަލް ނާޒިމްގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމް އަލުން މުރާޖައާކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ނާޒިމްގެ ޖަލު ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، އަޑުއެހުން ބާއްވާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.

އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށް ބުނެފައެވެ.