އިބްރާހިމް ޒަކީ
ރާއްޖެ އާއި އިންޑިއާއިން ސޮއިކުރަން ހަމަޖެހިފައިވާ، ކުށްވެރީންނާ ބެހޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ފާސްް ކުރިއިރު އެ ޓްރީޓީއަށް ވޯޓު ނުދެއްވީ ގްރޭ އޭރިއާތަކެއް ހުރުމުންކަމަށް އެ ކޮމިޓީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވީ، އެ އެއްބަސްވުމުގައި އެމަނިކުފާނަށް ސާފުވެވަޑައިނުގަންނަވާ އަދި ހިތްހަމަޖެހިވަޑައިނުގަންނަވާ ބައެއް ކަންތައްތައް ހުރުމުން ވޯޓު ނުދެއްވީ ކަމަށެވެ.
މި ޓްވިޓީއަށް ކޮމިޓީގައި ބަހުސް ކުރުމަށްފަހު މިއަދު ކޮމިޓީިން އެ އެއްބަސްވުން ފާސްކުރީ، ކޮމިޓީއަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ.
"ޓްވީޓީ ބިޓްވީން އިންދަ ރެޕަބްލިކް އޮފް މޯލްޑިވްސް އެންޑް ރެޕަބްލިކްއޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގައި ދިވެހި ސަރުކާރުން ސޮއިކުރުމަށް ކޮމެޓީގެ ރުހުންދޭން ނުފެންނަކަމަށް ގާސިމްގެ އިތުރުން އެމްޑީޕީގެ މެންބަރެއް ކަމަށްވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އިދިކޮޅު ޕީއެންސީގެ މެންބަރު، މާވަށު ދާއިރާގެ މުހައްމަދު ސައީދު ވޯޓު ދެއްވިއެވެ.
ކޮމިޓީން ދެން މި އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އެ އެއްބަސް ވުމުގެ ދިރާސާ ރިޕޯޓް ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައިވެސް އެކި ފަހަރު މަތީން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއާ ދެމެދު ދެބަސްވުންތައް އުފެދިގެންދިޔައެވެ. އަދި އެ އެއްބަސްވުމުގައި ހިމެނޭ ބައެއްް ކަންތައްތަކަކީ ގަބޫލު ކުރެވޭ ކަންތައްތަކެއްނޫން ކަމަށް އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައިވެސް ތަކުރާރުކޮށް ގާސިމް ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންތައްތަކާ ހިތްހަމަޖެހިވަޑައިނުގެން ކޮމިޓީގަައި ވާހަކަ ދައްކަވަމުން ގާސިމް އިއްޔެ ވިދާޅުވީ އެކަމަށް ވާހަކަ ދައްކަވަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތަކުން ނޫން، ކަމަށާއި، މިސަރުކާރު ގެނައި، ސަރުކާރު ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ، ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ.
ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މުހައްމަދު ސައީދު ވެސް ވަނީ އެ އެއްބަސްވުމުުގައި ހިމެނޭ ބައެއް ކަންތައްތަކަށް ދެކޮޅު ހައްދަވައި އެކަންތައްތައް އޮޅުން ފިލުވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ހައިތަމްވެސް އެ އެއްބަސްވުމުގައި ހުރި އޭނާ ކަންބޮޑުވާ ކަންތައްތައް ހާމަކުރެއްވިއެވެ.