ޕޮލިސް

ޝައިމް ފިލުވައިގެން ގެންގުޅުނު މީހުންނާ މެދު ފިޔަވަޅު އަޅާނަން: ޕޮލިސް

ޝަހީދާ އަބްދުﷲ ސައީދު

ކުޑަކުދިންގެ ހިޔާގައި ހުއްޓައި މިދިޔަ މަހު 18 ގައި ގެއްލުނު 14 އަހަރުގެ ޝައިމް އަބްދުﷲ ފިލުވައިގެން ގެންގުޅުނު މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޝައިމް ގެއްލިގެން ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ މަހުގެ ވިހި ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް، ޝައިމް ފެނިފައިވަނީ މާލޭގެ ގެއެއްގެ ތެރެއިން އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ، ޝައިމް ފިލައިގެން އުޅުނު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށްފަހު ޝައިމް ފިލުވައިގެން ގެންގުޅުކަން ފާހަގަކުރެވިއްޖެނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ޝައިމް ޝައިމް ހުރިކަމަށް ބެލެވޭ، ގެއަށް ކޯޓު އަމުރެއްގެ ދަށުން އިއްޔެ 1:51 ހާއިރު ވަދެ ބަލައި ފާސްކޮށް، ޝައިމް ހޯދާފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާތީ، މިވަގުތު ކުއްޖާ ހުރީ ވަގުތީ ގޮތުން ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.