ސުޕްރީމް ކޯޓް

މުހައްމާ، ޝަހުދީ، މުސްތަފާ އަދި ޝާހުގެ ގޮނޑީގެ މައްސަލައިގެ ހުކުމް މާދަމާ

ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މެމްބަރުންގެ ތެރެއިން ގޮނޑިއާ މެދު ގޮތެއް ނުނިމި ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން މާދަމާ ހުކުމް ކުރުމަށް ތާވަލު ކޮށްފައިވާ މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއެވެ.

އެ ހަތަރު މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމާލައިފައެވެ. ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނުން ފެށިގެން ކޮންމެ މެމްބަރެއްގެ މައްސަލަ ވަކިވަކިންނެވެ.

މުސްތަފާގެ މައްސަލަ މާދަމާ ހެނދުނު 10:00އަށް ތާވަލުކޮށްފައިވާ އިރު، ޝާހުގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 11:00އަށެވެ. މުހައްމާގެ މައްސަލަ މާދަމާ މެންދުރުފަހު 1:15އަށް ތާވަލުކޮށްފައިވާ އިރު، ޝަހުދީގެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރުފަހު 2:15އަށެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައިމަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅިއެވެ. އޭގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފައެވެ.

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިއަދުއެވެ.

އެ މެމްބަރުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިމަހުގެ އަށްވަނަ ދުވަހުއެވެ.