އިބްރާހިމް ޒަކީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.
އެންއައިސީގެ މެންބަރުކަމުން މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަަށް އެދި ހުށަހެޅުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި 26 މީހަކު މެންބަރުކަމަށް ކުރިމަތިލެއްވިއެވެ.
އެ ހުރިހާ ނަމެއް ދިރާސާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އޭރުއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
އެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، 75 އަށްވުރެ މަތީ މާކްސް، ކޮމިޓީން ދީފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް އެދި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި، ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖލީހުގެ ބައެއް މެންބަރުން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އެ ނަންތައް ފޮނުއްވީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އެހެންކަމުން އެ މަޖުލީހުން މަސައްކަތް ކުރިއަށްގެންދިޔަ ގޮތަށް ބަލާއިރު އެ ނަންތައް އަލުން ދިރާސާ ކުރަންޖެހޭ ކަމަށާއި، ނުވަތަ އާނަންތަކެއް ހުށަހެޅުމަށް ރައީސްއަށް ދަންނަވަން ޖެހޭކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެހެންކަމުން އެންއައިސީއަށް ހުށަހެޅޭ ނަންތައް ވާންޖެހޭނީ މިހާރުއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރާ ނަންތަކެއް ކަމަށް ކަމުގައިވެސް އެ މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން އެންއައިސީއަށް އާނަންތަކެއް ހުށަހަޅައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މަޖިލީހަށް ހުށަހެޅުއްވިއެވެ.
ޖީހާންގެ މި ހުށަހަހެޅުއްވުމަށް ތާއީދު ކުރައްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ކަންބޮޑުވާ ކަންތައްތަކެއް ހިނގާފައިވާ މަޖިލީހެއް ކަަމަށާއި، އެ މަޖިލީހުގެ ކޮމެޓީތައް ހިނގައިދިޔަގޮތުންނާއި، ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމަށް ގެންގުޅުނު އުސޫލުގެ ސަބަބުން ކޮމިޝަންތަކުގެ މެންބަރުކަމަށް އޭރު ރަނގަޅު މީހުން ކުރިމަތިލައްވާފައިވެސްނުވާ ކަމަށެވެ.
އަދި ވަކި ޕާޓީއެއްގެ މީހަކަށް ނޫން ގޮތަކަށް އޭރު ކޮމިޝަނަކުންވެސް ފުރުސަތު ނުލިބޭ ކަމަށާއި އަދި ހުށަހެޅޭ ނަންތައްވެސް ރަނގަޅަށް ދިރާސާ ކުރުން ނޯންނަކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކުރީ އެ ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދު ކުރެއްވި އެ ހުށަހެޅުން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެންއައިސީ އަށް ކުރިމަތިލި 26 މީހުންގެ ނަން ކޮމިޓީން ދިރާސާކޮށް މަޖިލީހުުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓްގައި 75 މާކްސްއަށްވުރެ މަތިން ހަތަރު ބޭފުޅަކު މާކްސް ހޯއްދަވާފައިވެއެވެ.
ކޮމިޓީން އެދިފައިވަނީ، އެ ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރެއްވުމަށެވެ.
އޭގެ ތެރެއިން .75.30 މާކްސް މާނިއުއަށް ލިބިވަޑައިގެންފައި ވާއިރު، 77.57 ޕޮއިންޓް ޑރ. އާއިޝަތު ޝެހެނާޒް އާދަމް އަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 78.83 އަލީ މުހައްމަދު މަނިކަށް ލިބިވަޑައިގެންފައިވާއިރު، އެންމެ މަތީ މާކްސްގެ ގޮތުގައި 84.33 ޕޮއިންޓް ލިބިވަޑައިގެން ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ، އަލްއުސްތާޒާ އައިމިނަތު ރުކުޝާނާ އިބްރާހިިމް އެވެ.
މިލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މާނިއު ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ނަން އަނބުރާ ގެންދަވައިފައެވެ.