ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ޖަލު ހުކުމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުން ވެސް ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
އޭނާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުން ވެސް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގައެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާއަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށްނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ. ނަމަވެސް އޭގެ ފަހުން ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
ރާއްޖޭން ބޭރުގައި ހުންނެވި ނާޒިމް ވަނީ ދާދިފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ކުރިން ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނާޒިމް ވަނީ އޭނާ ޖަލަށް ލާން އޯޑަރު ދިނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެކި ފަރާތްތަކުން ނަގަމުންދިޔަ ފައިސާތައް ބަރާބަރަށް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު އަމިއްލައަށް ވިދާޅުވި ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލު ވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ދާދިފަހުން ނާޒިމް ވަނީ ވިދާޅުވެފައެވެ.