ޝަހީދާ އަބްދުﷲ ސައީދު
ތަކުރާރުކޮށް ބަޔަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި އދ. އޮމަދޫ ކައުންސިލުގެ ރައީސް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ބިރު ދައްކައި އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޮމަދޫން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު 5:48 ހާއިރު ކަމަށެވެ.
''ވަންއޮންލައިން'' އަށް ކަށަވަރުވެފައިވާ ގޮތުގައި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތިން ދުވަސް މަތިން ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރީ ކައުންސިލުގެ ރައީސް އަދުނާނު އަބްދުﷲ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެރަށު ސިއްހީ މަރުކަޒަށް އޭނާގެ ކުޑަ ދަރިފުޅު ޑޮކްޓަރަށް ދެއްކުމުން ކުރިން ދީފައިވާ ބޭސް ސީޓި އާކުރަން ދިޔައިރު ކުއްޖާއަށް އެއް މަސް ފުރިފައިވާތީ އަލުން ދައްކަން ބުނުމުންނެވެ.
އެދުވަހު ނަރުހަކާ ޒުވާބުކޮށް ބިރުދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް އެމައްސަލަ ބަލަން ފުލުހުން އެރަށަށް ދިޔަ ދުވަހު އަނެއްކާވެސް އަދުނާން ސިއްހީ މަރުކަޒަށް ގޮސް އޭނާގެ މައްސަލަ ރިޕޯޓު ކުރި ކަމަށް އޭނާއަށް ތުހުމަތުކުރެވޭ މީހަކާއި ޒުވާބުކޮށް ބިރު ދައްކައި އިންޒާރުދީފައިވެއެވެ.
އަދި ހަމަ އެދުވަހު ދެފަހަރަށް އޭނާ އެގޮތަށް އިންޒާރު ދިންކަން އެނގިފައިވެއެވެ.