ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ރައީސް ނަޝީދުގެ ހުކުމުގެ މައްސަލަ ހުށަހަޅާފައިވަނީ ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. އަދި ނާޒިމާއި ޝެއިހް އިމްރާންގެ ހުކުމުގެ މައްސަލަ ހުށަހަޅާފައިވަނީ އެ ދެބޭފުޅުން އަމިއްލައަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމައިފައެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށް ބުނެފައެވެ.
ޝެއިޚް އިމްރާންގެ މައްޗަށް އިއްވާފައިވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވީ އިއްވީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވެގެންނެވެ.