އިލެކްޝަންސް ކޮމިޝަން

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އެކޮމިޝަނުން މިއަދ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މަހުގެ 13 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، ރައީސް، ނައިބު ރައީސް އަދި ހަ، އެގްޒެކެޓިވް މެމްބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ވޯޓްލުން ފެށޭނީ 9:00 ގައި ކަމަށާއި ވޯޓްލުން ނިމޭނީ 5:00 ގައި ކަމަށް ވިދާޅުވިއެވެ. އަދި ހަމައެދުވަހު 5:30 ގައި ވޯޓު ގުނަން ހަމަޖެހިފައިވާއިރު ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާންކުރާނެ އެވެ. އަދި ދާއިމީ ނަތީޖާ 14 ވާ އާދިއްތަ ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިމަހުގެ ހަތް ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި ގުރުނެގުމާއި ނަންތައް އިއުލާންކުރުން އޮންނާނެ ކަމަށާއި ހަމަ އެދުވަހު ވޯޓް ކަރުދާސް ޗާޕަށް ދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މި އިންތިހާބުގައި ދެ ވޯޓު ކަރުދާހެއް ޕްރިންޓް ކުރާނެ ކަމަށާއި އެއް ކަރުދާހަކީ ރައީސް އަދި ނައިބު ރައީސަށް އޮންނަ ކަރުދާހެއް ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ކަރުދާހަކީ ކޮމެޓީގެ ހަ މެމްބަރުންނަށް ޗާޕުކުރާ ކަރުދާހެއް ކަމަށް ވިދާޅުވިއެވެ.

އަދި މި އިންތިޚާބުގައި ހުރިހާ ވަކީލުންވެސް ރަޖިސްޓްރީވެފައިވަނީ މާލޭގައި ކަމަށާއި އެހެން ރަށަކަށް ރީ ރަޖިސްޓްރީ ވާން ޖެހޭނީ އަމިއްލައަށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބުގައި ވޯޓުލެވޭ ގާނޫނީ ވަކީލުންގެ ލިސްޓު މާދަމާ އާންމުކުރާނެ ކަމަށާއި މި ލިސްޓް އާންމުނުކުރެވި ލަސްވަނީ ލިސްޓްގެ ސައްހަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތު ދުވަހުގެ އޮފީސް ބަންދުވަންދެން ހުޅުވާލާފައިވާކަން އީސީން ބުނެފައިވެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކުރުމަށްޓަކައި، ފަސް ޤާނޫނީ ވަކީލުން ރަޖިސްޓްރީވެފައިވާ ކޮންމެ ރަށެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.