ޕޮލިސް

ޝައިމް ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި

ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ ޝައިމް އަބްދުﷲ މިހާރު ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝައިމް ހުރިކަމަށް ބެލެވޭ، މާލޭގައި ހުރި ގެއަށް ކޯޓު އަމުރެއްގެ ދަށުން މިއަދު 1:51 ހާއިރު ވަދެ ބަލައި ފާސްކޮށް، ޝައިމް ހޯދާފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާތީ، މިވަގުތު ކުއްޖާ ހުރީ ވަގުތީ ގޮތުން ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޝައިމް ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔައީ ބާރުގެ ބޭނުންކޮށްގެން ގެޔަކަށް ވަދެގެން ކަމަށެވެ.

އޭނާ ފުލުުހުންގެ ބެލުމުގެ ދަށަން ގެންދިޔައީ މާލޭގެ ގެއެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ. ޝައިމް ގެއްލިފައި ވަނީ ކުޑަކުދީންގެ ހިޔާގައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ޝައިމް ގެއްލުނު މައްސަލައިގައި، ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް އަދި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.