މުހައްމަދު އައުޒަމް
އޮރްކާ މީޑިއާ ގްރޫޕްގެ "ލޯކަލް އައިލެންޑް ޓުއަރިޒަމް" މެގަޒިންގެ ފުރަތަމަ އަދަދު ނެރެފިއެވެ.
އެމްއެމްޕީއާރްސީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ލޯކަލް އައިލެންޑް ޓުއަރިޒަމް" މެގަޒިންގެ ފުރަތަމަ އަދަދު ނެރެދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރު ތޮއްޔިބު މުހައްމަދުއެވެ.
2014 ވަނަ އަހަރުން ފެށިގެން ނެރެމުންދިޔަ ގެސްޓް ހައުސް އައިލެންޑް މެގަޒިން ރީބްރޭންޑްކޮށް "ލޯކަލް އައިލެންޑް ޓުއަރިޒަމް" ނަމުގައި ނެރޭ މިމެގަޒިންގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ މައުލޫމާތުތަކުގެ އިތުރުން އައިލެންޑް ޓުއަރިޒަމް އާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެއެވެ.
ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮރްކާ މީޑިއާ ގްރޫޕްގެ ސީއީއޯ ޑރ ހުސައިން ސަނީ ވިދާޅުވީ "ލޯކަލް އައިލެންޑް ޓުއަރިޒަމް" އަކީ ވަރަށް ހާއްސަ މެގަޒިންއެއް ކަމަށެވެ. އެގޮތުން "ލޯކަލް އައިލެންޑް ޓުއަރިޒަމް"ގެ ފުރަތަމަ އަދަދުގައި މީގެ ކުރިން ފާހަގަ ނުކުރެވޭ ތިލަދުންމަތީގެ އިތުރުން އައްޑު އަތޮޅުގެ ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ސަނީ ވިދާޅުވިއެވެ. ސަނީ އިތުރަށް ވިދާޅުވީ ފުރަތަމަ އަދަދުގައި 100 އަށްވުރެ ގިނަ ގެސްޓް ހައުސްތަކުގެ މައުލޫމާތު ހިމެނޭނެކަމަށާއި މިމެގަޒިން ބޮޑެތި ފެއާތަކުގައި ބެހުމަށް ނިންމާފައިވާ ކަމަށެވެ.
ސަނީ އިތުރަށް ވިދާޅުވީ "ލޯކަލް އައިލެންޑް ޓުއަރިޒަމް" މެގަޒިން އަކީ މިގޮތަށް ނެރޭ ހަމައެކަނި މެގަޒިން ކަމަށާއި މިމެގަޒިން މެދުވެރިކޮށް ހާއްސަކޮށް ޓްރެވަލް އެޖެންޓުންނަށް ރާއްޖޭގެ ގެސްޓް ހައުސްތައް އިސްތިހާރު ކުރުމުގައި އެހީތެރިކަން ލިބޭނެކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ ގެސްޓް ހައުސްތަކަށް އެހީވުމަކީ މިސަރުކާރުގެ އެއް އުންމީދުކަމަށާއި މިމަސައްކަތަށް "ލޯކަލް އައިލެންޑް ޓުއަރިޒަމް" މެގަޒިން ވަރަށް ބޮޑު ރޯލެއް އަދާކޮށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
ތޮއްޔިބު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީން އަބަދުވެސް އަމިއްލަ ފަރުދުންގެ މިކަހަލަ މަސައްކަތްތައް ބަލައިގަނެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.