އިބްރާހިމް ޒަކީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހެއްގެ ގޮތުގައި މި އިސްލާހު ހުށަހަޅުއްވާފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
މި އިސްލާހުގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންނާ ބެހޭ ދަފުތަރެއް އެކުލަވައިލަންވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައި، ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައި ތިބޭ ނުކުޅެދުންތެރިންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހުށަހަޅައިފައެވެ.
އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާއަށް ބޮޑު ކުރުމަށާއި، އެކަނިވެރި މައިންނަށް މިހާރު ދެމުން އަންނަ 2،000 ރުފިޔާ 7،500 ރުފިޔާއަށް ބޮޑު ކުރުމަަށްވެސް މީގެ ކުރިން މަޖިލީހަށް އިސްލާހު ހުށަހެޅިއެވެ.
ނަމަވެސް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި މި އިސްލާހު މަޖިލީހުގެ ތަޅުމަށް އައިސްފައެއް ނުވެވެ.