ރައްޔިތުންގެ މަޖިލިސް

2025 ގެ ނިޔަލަށް އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކު މަނާކުރުމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ދެހާސް ފަންސަވީސް އަހަރުގެ ނިޔަލަށް ހުރިހާ ބާވަތެއްގެ، އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން އިގުރާރުވެ، ފާސްކޮށްފިއެވެ.

މަޖިލީހުން މިކަމަށް އިގުރާރުވެ ފާސްކޮށްފައިވަނީ، 2025ހުގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކު ބޭނުންކުރުން މަނާކުރުމަށް އިލްތިމާސްކޮށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން ރާއްޖޭގެ އިތުރު 16 ސްކޫލަކާ ގުޅިގެން، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، އެ ކުދިން ހުށަހެޅި އިލްތިމާސްއާމެދު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު ފާސްކޮށްގެންނެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގެ އިގުތިސާދީ މައި ދެތަނބު ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައިވަނީ ރާއްޖޭގައި އެއްގަމާއި މޫދުގެ ދިރުންތައް ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން ޕްލާސްޓިކުގެ ބާވަތްތައް މަދުކުރަމުންގޮސް އެބާވަތް އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް އެ ރިޕޯޓްގައިވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓީކު ފުޅި އާއި ޕްލާސްޓިކު ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމާއި، ޕްލާސްޓިކުގެ އެފަދަ ބާވަތްތައް އާއްްމުން ބޭނުންކުރުމުން ދުރުކުރުމަށް އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ޕްލާސްޓިކުފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަދު ކުރަމުންގޮސް 2024 ގެ ނިޔަލަށް އެފަދަ ފުޅި ރާއްޖޭގައި މަނާކުރުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. މީގެއިތުރުން ހޮޅި އާއި ސުޕާރީ އާއި ޕެކެޓާއި ޕްލާސްޓިކު ކޮތަޅު 2020ގެ ނިޔަލަށް ރާއްޖޭގައި މަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

ރިޕޯޓްގައިވާ ގޮތުން އެފަދަ ހުރިހާ ބާވަތެއް 2025ހުގެ ނިޔަލަށް މަނާ ކުރުމަށްފަހު، ކޮތަޅާއި ފުޅިއާއި ހޮޅި ފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭ، ތިމާވެއްޓާ ރަހުމަތްތެރި ތަކެތި ރާއްޖޭގައި ކުރިއެރުވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

މި ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.