ޑރ. މުހައްމަދު ޖަމީލް އަހްމަދު

ލުތުފީ ފިލުވުމުގައި ޝާމިލުވި އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޑރ. ޖަމީލް ގޮވާލައްވައިފި

1

ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އަކީ މި ގައުމު ދުށް އެންމެ ބޮޑު ޚާއިނު ކަމަށާއި އޭނާ އަނބުރާ ރާއްޖެ ގެނެސް، ހުކުމް ތަންފީޒުކޮށް، އަދި އޭނާ ފިލުވުމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.

ޑރ. ޖަމީލު މިހެން ގޮވާލެއްވީ އޭނާ ދާދި ދެންމެ ނެރުއްވި ބަޔާނެއްގަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ދިވެހި ދައުލަތާއި މި ގައުމުގެ ސިޔާދަތާއި އިސްތިގުލާލާއި ދިވެހީންގެ މަތިވެރި އިސްލާމީ ވަހުދަތާއި ދެކޮޅަށް ލުތުފީ ހިންގި ބޮޑުވެގެންވާ ޖަރީމާގެ ސަބަބުން ޝަހީދުވެގެން ދިިޔަ 19 ދިވެހީންގެ އާއިލާތައް މިއަދާ ހަމަޔަށް ވެސް އެ ހިތާމަ ތަހައްމަލު ކުރަމުން ގެންދާ ކަމަށެވެ. މި ފަދަ ބޮޑު ޚާއިނެއް އަދި ކުށްވެރިޔެއް ފިލުމުގެ ފުރުސަތު ދިނުމާއި ނުވަ އަހަރު ވެގެން ދިޔަ އިރު ވެސް އޭނާ ހޯދައިގެން އަނބުރާ ރާއްޖެ ގެނެވިފައި ނެތުމަކީ، އެކަން ހިނގައިދިޔަ ގޮތް ރަނގަޅަށް ތަހުގީގު ކުރެވި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ. ހަމަ އެއާއެކު، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް އޭނާ ދިވެހި ސަރުކާރުގެ ފަރާތްތަކާ ހަވާލުވިފަހުން ދެމަސްދުވަސް ވެގެން ދިޔަ އިރު ވެސް ދިވެހި ސަރުކާރުގެ ފަރާތުން އެކަން ސިއްރުކޮށްގެން އުޅުމަކީ މި ކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭކަމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އަދި އޭނާ ދިވެހި ރާއްޖޭގެ އެމްބަސީއަށް ދިޔަ ކަމަށް ބުނާ ތާރީހާ މެދު ދައުލަތުގެ އެކި ފަރާތްތަކުން އެކިގޮތަށް ބުނަމުން ގެންދިޔުމަކީ މި ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ ފިލައިގެން އުޅޭ ކުށްވެރިޔަކަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވައިގެން ހުންނެވި ހުވަޔާއި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ގާނޫނު އަސާސީއާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚުލާސްތެރިކަމާ އެކު ތަންފީޒުކޮށް، ގާނޫނުގެ ވެރިކަން ކުރިއެރުވުން ހިމެނޭ އިރު ލުތުފީ ފިލުވުމާއި އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އޭނާ ރާއްޖޭގެ އެމްބަސީގައި ދިރިއުޅުމާއި މިހާތަނަށް އައިއިރުވެސް ރާއްޖެ ގެނައުމަށް ނުކުޅެދިފައިވާ ސަބަބުތައް ބަލައި ދިވެހި ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

"އެހެން ކަމުން ލުތުފީ، ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެސް އެނާގެ ހުކުމް ތަންފީޒުކޮށް އަދި އޭނާ ފިލި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، އޭނާ އާއި އެކަމުގައި އޭނާއަށް ވާގިވެރިވެދިން އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ." ޑރ. ޖަމީލުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ތެދުބަހުން ކަން ހިނގާފައިވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރެއްގެ ޒިންމާއެއްކަން ހަންދާންކޮށްދީ، ދިވެހި ދައުލަތުގެ އިސްތިގުލާލާއި އެތައް ދިވެހި އާއިލާއެއްގެ އިހުސާސްތަކާއި ގުޅިފައިވާ މި ފަދަ ހައްސާސް މައްސަލައެއްގައި ހަގީގަތާ ޚިލާފު އަދި ތާރީހު އޮޅޭ ފަދަ ގޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގަ އާއި އެނޫން ވެސް ތަންތަނުގައި ވާހަކަ ނުދެއްކުމަށް ވެސް ޑރ. ޖަމީލުގެ ބަޔާނުގައި ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟