އިބްރާހިމް ޒަކީ
ގދ. ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް އެރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް ކަނޑައަޅާފައިވާ ފަސްހާސް އަކަފޫޓުގެ 16 ޕްލޮޓަކީ ފަތުރުވެރިކަން ތަރައްގީކުރާ ބިންތަކެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ 5000 އަކަފޫޓުގެ 16 ޕްލޮޓަކީ "މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ކަނޑައެޅުމާއިބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިކަން ތަރައްގީކުރާ ބިންތަކެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި ކަމަށެވެ.
އަދި އަވަސް މުއްދަތެއްގައި މި ބިންތައް ބީލަމުގެ އުސޫލުން ދޫ ކުރުމުގެ ކަންތައް ގދ. ވާދޫ ކައުންސިލާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.