އިބްރާހިމް ޒަކީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ބަދަލުގައި އާ ނަންތަކެއް ފޮނުއްވުމަށް އެމަނިކުފާނަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެންއައިސީގެ މެންބަރުކަމުން މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަަށް އެދި ހުށަހެޅުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި 26 މީހަކު މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވިއެވެ.
އެ ހުރިހާ ނަމެއް ދިރާސާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އޭރުއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
އެނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު، 75 އަށްވުރެ މަތީ މާކްސް ކޮމިޓީން ދީފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި، ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު، ވިދާޅުވީ، ރައީސް ފޮނުއްވާފައިވާ އެ ނަންތަކަކީ ތަފާތު މަޖިލީހަކަށް ހުށަހެޅުނު ނަންތަކެއް ކަމަށެވެ.
އަދި އެންއައިސީއަށް ހުށަހެޅޭ ނަންތައް ވާންޖެހޭނީ މިހާރުއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރާ ނަންތަކެއް ކަމަށެވެ. އެހެންކަމުން އާނަންތަކެއް ހުށަހަޅައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް ޖީހާން ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ޖީހާންގެ މި ހުށަހަހެޅުއްވުމަށް ތާއީދު ކުރައްވައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ކަންބޮޑުވާ ކަންތައްތަކެއް ހިނގާފައިވާ މަޖިލީހެއް ކަަމަށާއި، އެމަޖިލީހުގެ ކޮމެޓީތައް ހިނގައިދިޔަގޮތުންނާއި، ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމަށް ގެންގުޅުނު އުސޫލުގެ ސަބަބުން ކޮމިޝަނުގެ މެންބަރުކަމަށް އޭރު ރަނގަޅު މީހަކު ހުށަހަޅުއްވާފައިނުވާ ކަމަށެވެ.
އަދި ވަކި ޕާޓީއެއްގެ މީހަކަށް ނޫން ގޮތަކަށް އޭރު ކޮމިޝަނަކުންވެސް ފުރުސަތު ނުލިބޭ ކަމަށާއި އަދި ހުށަހެޅޭ ނަންތައްވެސް ރަނގަޅަށް ދިރާސާ ކުރުން ނޯންނަކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަލީ އާޒިމް ވިދާޅުވީ، އެންއައިސީއަށް އާނަންތަކެއް ހުށަހެޅުމަށްޓަކައި އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމަށް އަލުން އެންއައިސީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ.
އެންއައިސީ އަށް ކުރިމަތިލި 26 މީހުންގެ ނަން ކޮމިޓީން ދިރާސާކޮށް މަޖިލީހުުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓްގައި 75 މާކްސްއަށްވުރެ މަތިން ހަތަރު ބޭފުޅަކު މާކްސް ހޯއްދަވާފައިވެއެވެ.
އޭގެ ތެރެއިން .75.30 މާކްސް މާނިއުއަށް ލިބިވަޑައިގެންފައި ވާއިރު، 77.57 ޕޮއިންޓް ޑރ. އާއިޝަތު ޝެހެނާޒް އާދަމް އަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 78.83 އަލީ މުހައްމަދު މަނިކަށް ލިބިވަޑައިގެންފައިވާއިރު، އެންމެ މަތީ މާކްސްގެ ގޮތުގައި 84.33 ޕޮއިންޓް ލިބިވަޑައިގެން ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ، އަލްއުސްތާޒާ އައިމިނަތު ރުކުޝާނާ އިބްރާހިިމް އެވެ.
މިލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މާނިއު ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ނަން އަނބުރާ ގެންދަވައިފައެވެ.