ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މަޖިލިސް ރައީސާއި ބަންޑާރަ ނާއިބާއި ރައީސްގެ މެންބަރަކު އިނުމަކީ ޖޭއެސްސީ މިނިވަންވުމެއް ނޫން: ޖާބިރު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަންޑާރަ ނާއިބާއި، އަދި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކު ހިމެނޭގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިބުމަކީ އެ ކޮމިޝަން މިނިވަން ވުން ނޫން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި ޖާބިރު މިއަދު ވިދާޅުވީ، ވަލު ދޮރާށިން އައިސް ވަދެ ތިބި ބަޔަކު ހިމެނޭ ގޮތަށް ޖޭއެސްސީ ރަނގަޅުކުރަން މިހާރު ޑިޒައިންވެފައިވާ ގޮތަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބަނޑާރަ ނާއިބާއި އަދި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ލައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން ރަނގަޅުވާން ގާނޫނުއަސާސީގައި ބުނެފައިވާގޮތަށް ދޫކޮށްލަން ޖެހޭނެ ކަމަކަށް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ސިޔާސީ ބޭފުޅުން ތިއްބަވައިގެން ޖޭއެސްސީ ރަނގަޅު ނުވާނެ ކަމަށާއި، ސިޔާސީ ކަންކަމުން އެއްކިބާވެފައި ތިބި ބަޔަކު އެ ކޮމިޝަނަށް ލާން ޖެހޭ ކަމަށެވެ.

"ކިހިނެއްތޯ ބަންޑާރަ ނާއިބު ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިނދެގެން ދައުލަތުގެ މައްޗަށް ދައުވާކުރާ އަނެއް ފަޅިން އެތާނގައި ނެތީސް އަދުލު އިންސާފު ގާއިމުވެގެންދާނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރިއިރު ޑްރާފްޓިން ކޮމިޓީގައި ވެސް މަސައްކަތްކުރީ ޖޭއެސްސީ އެމަގަށް ގެނައުމަށް ކަމަށާއި ނަމަވެސް ފަހުން ސިޔާސީވަމުން ވަމުންގޮސް ޖޭއެސްސީ ސިޔާސީ ވެފައިވާ ކަމަށެވެ.