އިބްރާހީމް ޝަރީފް

ލުތުފީ މިނިވަންކުރަން އައްޑޫ ޝަރީފް ގޮވާލައްވައިފި

އިބްރާހިމް ޒަކީ

2

ތިނެއް ނޮވެމްބަރު 1988 ގައި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްް ކަމަށްވާ ޕޮލޮޓް ޖަމާއަތުން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިނިވަން ކުރަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ.

ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އޭނާ އަކީ ނޮވެމްބަރު ތިނެއްގެ ހާދިސާގައި ސުވާލުކުރަންގެންދިޔަ މީހެއް ކަމަށެވެ. އަދި އޭރު ޖަލުގައި ކުރި އަނިޔާ ލޮލުންދެކެ އަތުން ހިފި ކަމަށާއި، އެ މައްސަލައިގައި ލުތުފީމެން އެތައް އަނިޔާއެއް ތަހައްމަލު ކުރިކަމަށެވެ.

ޝަރީފް ވިދާޅުވީ، ލުތުފީ އަކީ 70 އަހަރުވާން ކައިރިވެފައިވާމީހެއް ކަމަށާއި، މުސްކުޅިއެއް، ބަލި މީހެއް، ކަމަށާއި އޭނާ ޖަލުގައި ވަރަށް ގިނަދުވަސް ހޭދަކޮށްފިކަމަށެވެ. އަދި އޭނާ ފިލައިގެން އުޅޭތާ އަށެއްކަ އަހަރުވެފައިވާ ކަމަށާއި ފިލައިގެންއުޅުމަކީވެސް ޖަލުގައި ހުރުން ކަހަލަކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ލުތުފީ ޖަލުގައި އެތައް އަހަރެއް ހޭދަކޮށްފައިވާތީ، ބޮޑު ހަރަދުކޮށްގެން ދިވެހި ސަރުކާރުން އޭނާ ރާއްޖެ ގެންނަން ނުފެންނަ ކަމަށެވެ.

ނަމަވެސް ނޮވެމްބަރު ތިނެއްގެ އުދުވާނުގައި 19 ދިވެހިން ނިޔާވި ކަމަކީ ހިތާމަ ހުރިކަމެއް ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، އޭގެ ތެެރެއިން އެއްވެސް މީހެއްގެ ގަޔަށް ލުތުފީ ބަޑި ޖަހާފައިނުވާ ކަމަށެވެ.

އަދި ލުތުފީ އަކީ ބަޣާވާތްކުރަން އައިމީހެއް ނަމަވެސް އެއީ މީހުން މެރި މީހެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ

އެހެންކަމުން ލުތުފީ ޖަލުގައި ހޭދަކުރި މުއްދަތާއި ބާކީ އޮތް މުއްދަތާއި އޭނާއަށް ހުކުމްކުރިގޮތުގެ މައްޗަށް ރިއާޔަތްކޮށް، ލުތުފީ މިނިވަންކުރަން ޝަރީފް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟