ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން ފުރުސަތު ހުޅުވައިލައިފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒުގައި ބޭއްވި ކައުންސިލު ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލިކަން ހާމަކުރި އިރު، އެމަގާމަށް ކުރިމަތިލުމުގެ ފަަހު ތާރީޚަކީ ޖުލައި މަހުގެ 4 ވަނަ ދުވަހެވެ. އެ މުއްދަތުގެ ކުރިން އެމަގާމަށް ކުރިމަތިލުމަށް އެދޭ ފާރްތްތަކުން ޕާޓީގެ އޮފީހަށް ލިޔުން ހުށަހެޅުމަށް އެޕާޓީން އެދިފައިވެއެވެ.
ޖުމްހޫރީ ޕާޓީން ބުނީ، ނައިބު ރައީސް ކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ދެން އޮންނަ ކައުންސިލު ބައްދަލުވުމެއްގައި އިންތިހާބު ބާއްވައި ނައިބު ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިރޭގެ ބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ކައުންސިލު މެންބަރު ހުސައިން ރަޝީދު ވިދާޅުވީ، އިންތިހާބީ ދާއިރާތަކަށް 87 ރައީސުން އިންތިހާބު ކުރުމުން ޕާޓީގެ ކުރިމަގު ފެނިގެންދާނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ދާއިރާތަކުގެ ރައީސުން ކައުންސިލަށް އާދެވޭގޮތަށް މިހާރު ބައްޓަންކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލަށް 87 ބޭފުޅުން އިތުރުވެ އެދާއިރާތަކުގެ އަޑު އުފުލައި ކައުންސިލާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން ޖޭޕީން ޖޫން މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުތަކުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޕްރައިމަރީ ބޭއްވުމަށް ފަހު ޓިކެޓް ދޭން ވަނީ ނިންމާފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ، އެޕާޓީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ކަންކަން ނިންމާ ޕާޓީއެއް ކަމަށާއި އެޕާޓީއަކީ ވަކި ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.