އޮސްޓްރޭލިއާ އަކީ ދިވެހިރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުވިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ރާއްޖެއާއި އޮސްޓްރޭލިއާގެ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައިފައެވެ.
އެގޮތުން އޮސްޓްރޭލިއާގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބޭ ތަފާތު ދާއިރާތައް ފާހަގަކުރައްވަމުން، މިނިސްޓަރު މާރިޔާ ވިދާޅުވީ، އޮސްޓްރޭލިއާ އަކީ ދިވެހިރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
އަދި މާރިޔާ ވަނީ އޮސްޓްރޭލިއާ އަކީ ރާއްޖެއާ ފަސްހާހެއްހާ މޭލު ދުރުގައި އޮތް ގައުމެއް ކަމަށް ވިޔަސް، މި ދެގައުމަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ދެގައުމު ކަމަށް ވުމުން، މިއީ އަވަށްޓެރި ދެގައުމުކަން ފާހަގަކުރައްވައިފައެވެ.
އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުމާ ގުޅިގެން، މިއަދު ހެނދުނު، އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ހޮލީ ވަނީ މިނިސްޓަރު މާރިޔާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.
މީގެ އިތުރުން، ދެގައުމުގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ އެޗް.އެމް.އޭ.އެސް ބެލަރެޓް ނަމަކަށް ކިޔާ މަނަވަރުގެ ކޮމާންޑިން އޮފިސަރު، ޕޯލް ޖޯންސަންގެ ދައުވަތަކަށް، މިއަދު މެންދުރުފަހު މާރިޔާ ވަނީ އެ މަނަވަރަށް ޒިޔާރަތްކުރައްވައިފައެވެ.