މިއަދު ހެނދުނު 10:00 ހާއިރު، އދ. މާމިނގިލި އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަށް ގަދަކަމުން އެރި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ، ގަދަކަމުން ފުލައިޓަށް އެރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.
އަދި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަދު އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ދުވެފައި ގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލާފައިވާ ކަމަށެވެ.
އަދި އެހާދިސާ ހިނގި ވަގުތު ސެކިއުރިޓީ ޗެކް ޕޮއިންޓް ޑިއުޓީގައި އިން އޮފިސަރު އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން އޭނާ އެކަމަށް އިޖާބަނުދީ، އެމީހާ ދުވެފައި ގޮސް ފުލައިޓަށް އެރި ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނީ އެމީހާ ފަހަތުން ސެކިއުރިޓީ އޮފިސަރު ދުވެފައި ގޮސް، އޭނާ ފުލައިޓުން ބާލައި ފުލުހުންނާއި ހަވާލުކުރި ކަމަށެވެ.