މިނިސްޓަރު ފައްޔާޒް އިސްމާއީލް

ގައުމުތަކަށް ކޯޓާ ލިމިޓްކޮށް، ގަވާއިދާ ހިލާފުވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް ފަށަނީ

އިބްރާހިމް ޒަކީ

ރާޖޭގެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ގައުމުތަކަށް ކޯޓާ ލިމިޓެއް ކަނޑައަޅައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށަން ކަނޑައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ގަވާއިދަށް ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ 25 ވަރަކަށް އަހަރުވެފައިވާ މައްސަލައެއް ކަމަށާއި މި ސަރުކާރުން އެމައްސަަލަ ހައްލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމަށް ކުރެވޭ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް އަންނަ ޖުލައި މަހު، ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން، ގާނޫނުގެ ތެރެޔަށް ފެއްތެން ހުރި ބިދޭސީން ލީގަލް ކުރުމާއި އަދި ފޮނުވާލަންޖެހޭ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ނަމަވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅެގެން ގެންނަ މީހުން ހައްޔަރުކޮށްގެން ގެންގުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެފަދަ ވަސީލަތްތަކެއްވެސް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ މީހުންނަށް އެއްހާސް މީހުންގެ ޑިޓެންޝަން ސެންޓަރެއް ގުޅީފަޅުގައި ހެދުމަށް މިމަހު ޓެންޑަރަށް ލާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނާ ޚިލާފަށް އުޅޭ މީހުން ގާނޫނީ ކުރުން ކުރިއަށް ގެންދާނީ އެފަދަ ފަރާތްތައް ވަޒީފާއަށް ގެންދަން ބޭނުންވާ ފަތާތްތަކަށް އެފުރުސަތު ދީގެން ކަމަށެވެ. ނަމަވެސް އެފަދަ މީހުން ގާނޫނުގެ ތެރެއަށް ފެއްތުމަށް މިހާރު ނަގަމުން އަންނަ 650 ރުފިޔާ ނުނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމް ފެށުން ލަސްވަނީ އެކަމަށްޓަކައި އޮންލައިންކޮށް އެކަން ކުރާނެ ނިޒާމެއް ގާއިމް ކުރާތީ ކަމަށެވެ.

ވަކި ގައުމެއްގެ މީހުން ރާއްޖޭގައި ގިނަވާ މައްސަައިގައި ރައްޔިތުންގެ ކަންބޮޑުވުން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ހައްލު ކުރުމަށް ގައުމުތަކަށް ކޯޓާ ލިމިޓެއް ކަނޑައަޅުއްވާނެ ކަމަށެވެ. އޭރުން އެވަގުތަކު ކޯޓާ ހަމަވެފައިވާ ގައުމަކުން ރާއްޖެއަށް މީހުން ނުގެނެވޭނެ ކަމަށާއި މީހުން ގެނެވޭނީ އަނެއްކާވެސް ކޯޓާއަށް ހުޅުވާލުމުންކަމަށްވެސް ވިދާޅުވިއެވެ.