މިނިސްޓަރު ފައްޔާޒް އިސްމާއީލް

ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ ބިދޭސީން ރާއްޖޭގެ ވަޒީފާތަކުގައި އެބަތިބި: މިނިސްޓަރު ފައްޔާޒް

އިބްރާހިމް ޒަކީ

ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ ބިދޭސީން ރާއްޖޭގެ ވަޒީފާތަކުގައި އެބައުޅޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި، ބިދޭސީ ލޭބަރުންގެ މައްސަލައާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، އެއީ ގަވާއިދުންނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މީހުުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގެ ދުވެލި މިގޮތުގައި ގެންދަން ބޭނުންނަމަ އިތުރު ބިދޭސީން ރާއްޖޭގެ ވަޒީފާތަކަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނާ ޚިލާފަށް ނޫން ކަމަށާއި ގާނޫނާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގާނޫނާ ޚިލާފަށް ކުރިޔަށް ގެންދާ ކަންތައްތައް ހުއްޓުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު މިހާރު ކުރިއަށްދާ ނިސްބަތަަށް ބަލާއިރު، ރާއްޖޭގެ ވަޒީފާ އަދާކުރާ އުމުރުގެ ހުރިހާ ރައްޔިތުން ވަޒީފާއަށް ނިކުތަސް އިތުރު މީހުން ވަޒީފާތަކަށް ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދާ ހިލާފަށް ވަޒީފާތަކުގައި ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި އެކަންތައް ކުރިއަށް ނުދަނީ އެއީ އުނދަގޫ މަސައްކަތަކަށް ވެފައި ބައިވަރު ކަންތައްތައް ރަނގަޅު ކުރަން ހުރުމާއި، ބޭނުންވާ ވަރަށް ވަސީލަތްތަކާއި މެއިންޕަވަރ ނެތުމުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ގަވާއިދުތަކަށް ބަދަލުގެނެސް ބިދޭސީންނާ ބެހޭ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް އަވަސް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް ފެނިގެން ދާނެ ބަދަލަކީ، ކޯޓާ އެޕްލިކޭޝަން ކަންތައްތައް ފަސޭހަ ކުރުމަށް ގަވާއިދަށް ގެންނަ ބަދަލު ކަމަށެވެ.

"އެ ހިދުމަތަށް އެންމެ ލަސްވަނީ، އިންސްޕެކްޝަންގެ މަސައްކަތް ލަސްވާތީ، މާލޭގައި ނަމަ އެކަން މިކުރަންޖެހެނީ މިނިސްޓްރީން މީހަކު އެތަނަށް ގޮސްގެން، ރަށްރަށުގައި އެކަން މިކުރަނީ ކައުންސިލުން. ނަމަވެސް މިހާރު ގަވާއިދަށް މިގެންނަ ބަދަލަކީ، ކައުންސިލްތަކުން ނިންމަންޖެހޭ ކަންތައްތައް ނިންމައިގެން ކޯޓާއަށް ހުށަހެޅުން އޭރުން ހަތްދުވަހުގެ ތެރޭގައި އެކަންތައްތައް ނިމޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ޖުލައިމަހު އާ އުސޫލު ތަންފީޒު ކުރައްވާނެ ކަމަށެވެ.