ޓުއަރިޒަމް

މަނަފަރު ރިސޯޓުން މުޒައްޒަފުންތަކެއް ވަޒީފާއިން ކަނޑައިލުމަށް ނިންމުމާ ގުޅިގެން ހަޅުތާލުކުރަނީ

މަރިޔަމް ޝަހުދާ

ހއ އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓު ކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓުން މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑައިލުމަށް ނިންމުމާ ގުޅިގެން ހަޅުތާލުކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކްރެޓަރީ އަދި ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ ހަޅުތާލު ކުރަން ފެށީ ރިސޯޓުގައި ރިޑަންޑެންސީ (މަސައްކަތް ނެތިގެން ނުވަތަ ބޭނުން ނެތިގެން ދޫކޮށްލުން) އިއުލާނު ކުރުމާ ގުޅިގެން ކަމަށެވެ. އެގޮތުން މަނަފަރު ރިސޯޓުން ރިޑަންޑަންސީ އިއުލާނު ކުރީ ބޭންކްރަޕްސީ ނުވަތަ އެފަދަ ހާލަތަކަށް ގޮސްގެން ނޫންކަމަށް ވެފައި، މިހާތަނަށް ރިސޯޓަށް ފައިސާގެ އެއްވެސް މައްސަލައެއް ދިމާވެފައި ވާކަން އެނގިފައި ނުވާކަމަށާއި ލޯ ސީޒަންގައި ކުރިންވެސް ފަތުރުވެރިން އަންނަ ވަރަށް މިހާރުވެސް ރިސޯޓަށް ފަތުރުވެރިން އަންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މި ސަބަބުތަކާހެދި ރިޑަންޑެންސީ އިއުލާނުކޮށްފައިވަނީ ވަކި ޑިޕާޓްމަންޓެއްގެ ވަކިމުވައްޒަފުންތަކަކަށް އަމާޒުކޮށްގެންކަމަށް ބެލެވޭކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

މަނަފަރު ރިސޯޓުގެ ހައުސް ކީޕިންގް ޑިޕާޓްމަންޓްގެ އެންމެ އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަކީ އަބަދުވެސް މުވައްޒަފުންގެ ހައްގުތަކުގެ ވާހަކަ އިސްވެ ދައްކާ ބައެއްކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ ރިޑަންޑެންސީ އިއުލާނުކޮށްފައިވަނީ މި މުވައްޒަފުންނަށް އަމާޒުކޮށް ކަމަށެވެ. އަދި މިކަމާ ރިސޯޓުގެ މެނޭޖްމަންޓާއި މަޝްވަރާކުރުމަށް އެދުމުން ބައްދަލުވުމެއް ހަމަޖެއްސުމަށްފަހު، އެންމެ ފަހު ވަގުތު ބައްދަލުވުން ކެންސަލް ކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާތަނަށް މުވައްޒަފުން އެކި ފަހަރު މަތިން އެދުމުންވެސް ރިސޯޓުގެ މެނޭޖްމަންޓްގެ ފަރާތުން މަޝްވަރާ ކުރުމަށް އެއްބާރުލުން ނުލިބޭކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރާ ބައްދަލު ކުރުމަށް އެދި، މިހާތަނަށް އެ ފުރުސަތު ލިބިފައި ނުވާ އިރު، މުވައްޒަފުން އެދެމުން އަންނަނީ ހުރިހާ މުވައްޒަފުންނާ ބައްދަލުކޮށްގެން މިކަން ހައްލު ކުރުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ހަޅުތާލު ކުރަން ނިންމީ ރިޑަންޑެންސީގެ މައްސަލައިގެ އިތުރުން، މަޝްވަރާ ކުރުމަށް ރިސޯޓުން ދެކޮޅު ހެދުމާއި، މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިހާރު ހަޅުތާލު ކުރުމަށް ކުރާ ހަމައެކަނި ކަމަކީ ސްޓާފް ކެންޓީން ބޭނުން ނުކުރުން ކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާތަނަށް މުވައްޒަފުން ބަރާބަރަށް ޑިއުޓީއަށް ނިކުތް ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ މަސައްކަތް ހުއްޓާލުމަށް މުވައްޒަފުން ތިބީ ތައްޔާރަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިހާތަނަށް ޓުއަރިޒަމް މިނިސްޓްރީން މިމައްސަލައާމެދު ޓީމްގެ ފަރާތުން ދެކޭގޮތް ނޫން އިތުރު މައުލޫމާތެއް ސާފުކޮށްފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ މި މައްސަލަ ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމަންޓްގެ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން މަނަފަރު ރިސޯޓަށް ގުޅުމުން އެ ރިސޯޓުގެ އެޗްއާރް ޑިޕާޓްމެންޓުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ އޭނަގެ މެނޭޖަރާ ވާހަކަދެއްކެވުމަށްފަހު ގުޅުއްވާނެ ކަމަށެވެ. އެހެންނަމަވެސް މި ޚަބަރު ޝާއިއުކުރުމާ ހަމައަށް ގުޅުއްވާފައެއް ނުވެ އެވެ.