އިބްރާހިމް ޒަކީ
ގުޅިފަޅުގައި ޒަމާނީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމުގެ ކޮންސަލްޓެންސީ މަސައްކަތް އަންނަ ޖުލައިމަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭގުން، މައުލޫމާތު ދިނުމަށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މީގެ އިރުކޮޅެއް ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ، ގުޅީ ފަޅުގައި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް އައްޔަން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކޮންސަލްޓަންޓްގެ މަސައްކަތަކީ، އެ ޕްރޮޖެކްޓާބެހޭ ސާވޭ ކުރިއަށްގެންދިއުމާއި، ގުޅީފަޅުގެ މާސްޓަ ޕްލޭން ތައްޔާރުކުރުމާއި، އިންޖިނިއަރިން މަސައްކަތް ތައްޔާރުކުރުމުގެ އިތުރުން ތަފްސީލީ ރިޕޯޓްތައް އެކުލަވައިލުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ގުޅީ ފަޅުގައި ޒަމާނީ ބަނދަރެއް ތަރައްގީ ކުރުމުން، މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ވިޔަފާރި ވެރިންނަށް ދިމާވާ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ސަބަބުން، ވިޔަފާރިކުރާ ފަރާތްތަަކަށް ލުއިތަކެއް ލިބި ރާއްްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ