މަޖިލިސް މެންބަރު ހަސަން ލަތީފް

ލުތުފީ ރާއްޖެ ގެންނަން ކުރާ މަސައްކަތެއް އޮތް ނަމަ ފުލުހުން ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ : ހަސަން ލަތީފް

1

އަބްދުﷲ ލުތުފީ ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތެއް އޮތް ނަމަ ފުލުހުން އެކަމެއް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕްލޮޓް ޖަމާއަތާއެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުންނަތާ ދެމަހެއްހާ ދުވަސް ވެފައިވާ އިރު، މީޑިއާއަށް އެކަން ތިލަވެފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީންނެވެ.

ދިވެހި ހައިކޮމިޝަނުގައި ލުތުފީ ހުންނަތާ ދެ މަސްދުވަސް ވީއިރު، އެކަން ރައްޔިތުން ނާންގައި އޮތް މައްސަލައިގައި ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދިފަ އެވެ. އަދި އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

މި މައްސަލައިގައި، މި މަހުގެ 25 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ 48 ގަޑި އިރު ތެރޭ ލުތުފީ ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ފަސް ދުވަސް ވީ އިރު، އަދިވެސް ލުތުފީ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ. އޭގެ ދެ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަކުރަން ޖެހޭ ލިޔުންތައް އެހާތަނަށް އައި އިރުވެސް ލިބިފައި ނުވާ ކަމަށެވެ.

މި ކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

ސްރީލަންކާގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން، ލުތުފީ ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ އިރު، ލަންކާގެ މީޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުރިކަން އެ ގައުމުގެ ސިފައިންނަކަށް ނޭނގެ އެވެ.

ލުތުފީ ރާއްޖެއަށް ގެންނާން ކުރަމުން އަންނަ މަސައްކަތް ރައްޔިތުންނަށް ހާމަކުރުމަށް ގޮވައިލެއްވުމުގެ އިތުރުން، ހަސަން ލަތީފު ވިދާޅުވީ ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟