ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށާއި، ކޮންމެ ރަށެއްގައި ވެސް އޭޓީއެމް ހުންނަން އެބަ ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ކުރިޔަށް ދިޔަ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގެ ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒް މިހެން ވިދާޅުވީ ޕެނަލް މަޝްވަރާ މަރުހަލާގައި ބައެއް ބައިވެރީން ފާހަގަކުރެއްވި ނުކުތާ ތަކާ ގުޅިގެންނެވެ.
އެ ގޮތުން، ކުންފުނިތައް ތަރައްގީވެ ކުރިއަރާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ މިންގަނޑާ ގުޅޭ ގޮތުން ބައެއް ބައިވެރީން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ފާޅުކުރައްވައިފަ އެވެ. އެ ގޮތުން، ކުންފުނީގެ "ޕާފޯމަންސް" ދެނެގަންނަ އާންމު މިންގަނޑަކީ އަހަރީ ފައިދާ ކަމަށް ވެފައި އޮންނަ ކަމަށާއި އެއީ ބައެއް ހާލަތުގައި އެންމެ ރަނގަޅު ގޮތްތޯ ވިސްނައިލަން ޖެހޭ ކަމަށް ބައިވެރީން ފާހަގަކުރި އެވެ.
ދިވެހި ގައުމީ ބޭންކުގެ ފަރާތުން ވިދާޅުވީ ބައެއް ކަހަލަ ހިދުމަތްތަކަކީ ކޮންމެހެން ދޭން ޖެހޭ އަދި ހަރަދު ބޮޑު އިންވެސްޓްމެންޓް ކަމަށާއި އެހެން ނަމަވެސް އެފަދަ ކަންކަން ލަސްވެގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފޯނުކޯލުތައް ލިބިވަޑައިގަންނަވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި އެންމެ ބޮޑު ފައިދާއެއް ހޯދުން އެއީ ކުންފުނި ރަނގަޅަށް ހިނގާ ކަމުގެ ދަލީލެއްގެ ގޮތުގައި ބެލިދާނެ ކަމަށާއި އެހެން ނަމަވެސް، ކުންފުނިތަކުގެ ޒިންމާތަކުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތްދިނުމަށް އުފުލަން ޖެހޭ މަސްއޫލިއްޔަތުތަކެއް ވެސް ހުންނަ ކަމަށް ބޭންކުން ފާހަގަކުރި އެވެ. އޭޓީއެމް ބެހެއްޓުމަކީ ވެސް ހަރަދެއްކަން ފާހަގަކުރައްވަމުން ބޭންކުގެ ފަރާތުން ވިދާޅުވީ ކުންފުނީގެ ޕަރފޮމެންސް، މިން ކުރުމުގައި މި ފަދަ އިންވެސްޓްމެންޓް ތަކާއި ޒިންމާތަކަށް ބަލައި ބެލެންސެއް ގެންގުޅޭން ޖެހޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ހިދުމަތްތައް ދިނުމަށް ޓަކައި، ކުންފުނިތަކުގެ ފައިދާ ކޮންމެވެސް މިންވަރަކަށް ގުރުބާން ކުރާން ޖެހޭ ނަމަ އެކަން ކުރާން ވެސް މި ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
"ކުންފުނިތަކަކީ ސަރުކާރަށް ބޮޑު ފައިދާ ހޯދުމަށް ހުރި ތަންތަން ކަމަށް ނުބައްލަވާ! ގިނަ ކުންފުނިތަކެއް ހުންނަން މިޖެހުނީ ވެސް މިހާ ހިސާބަށް އައިއިރު ކަންކަން ބައްޓަންވެފަ ހުރި ގޮތުން. ކަންކަން ހުރީ ސަރުކާރު ބައިވެރިވެގެން ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ގޮތަށް. މިހާ ގިނަ ކުންފުނިތައް އެކްޓިވްކޮށް އުޅުމަކީ ބޭނުންވާ ގޮތެއްވެސް ނޫން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.