ހައުސިން މިނިސްޓްރީ

އަނެއްކާވެސް 1500 ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ހައުސިން އަށް ދީފި

ފްލެޓާއި ގޯތި ދޫކުރުމުގެ މައްސަލަ ހޫނުވެ، އޭސީސީން އެ މައްސަލތައް ބަލަމުން ދަނިކޮށް އަނެއްކާވެސް ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ދީފި ކަމަށް ބުނާ ލިޔުންތަކެއް ލީކުވެއްޖެ އެވެ.

ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ހައުސިން މިނިސްޓްރީ އަށް ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ދެއްވާފައި ވަނީ އެ މިނިސްޓްރީން އެކަމާ ގުޅިގެން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ފްލެޓް ދޫކުރާ ބައެއް ކެޓަގަރީތައް އުވާލައި ބައެއް ކަހަލަ ބަދަލުތައް ގެންނަން ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު މުއިއްޒަށް އެޑްރެސް ކުރައްވައި ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީން އެނގެ އެވެ.

ރައީސް އޮފީހުން ހުއްދަ ދެއްވާފައި ވަނީ ދަފްތަރުގައި ތިބި މީހުންނަށް 500 ފްލެޓާއި 18 އަހަރު ނުފުރޭ ތިން ކުދީންނަށް ވުރެ ގިނަ ކުދީން ތިބި މީހުންނަށް 1030 ފްލެޓު ދޫކުރުމަށެވެ. މި ގޮތުން ފްލެޓް ދޫކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި އެފަދަ ބެލެނިވެރީންނަށް އިސްކަން ދިނުމަށް ވެސް ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

ހައުސިން މިނިސްޓްރީން ގިނަ އަދަދެއްގެ ފްލެޓް ތަކެއް ދޫކުރަން ރައީސް އޮފީހުން ހުއްދަ ދީފައިވާ އިރު، ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެން އޮތީ 18 ވަރަކަށް ދުވަހެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިޔަށް ދާތީ މިފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފަ އެވެ.