އިބްރާހިމް ޒަކީ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދުގެ ނަން އަނބުރާ ނަންގަވައިފި އެވެ.
ނަން ނެގުމަށްއެދި އޭނާ ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެންއައިސީގެ މެންބަރުކަމަށް ވުމަށް އެދި ހުށަހަޅުއްވާފައިވާ ނަން އަނބުރާ ނަންގަން ނިންމަވާފައިވާ ކަމަށެވެ. އަދި އެލިސްޓުން އޭނާގެ ނަން އުނިކޮށްދެއްވުމަށް އެސިޓީގައި ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވައިފައެވެ.
އެންއައިސީގެ މެންބަރުކަމުން މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަަށް އެދި ހުށަހެޅުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި މާނިއުއާއެކު 26 މީހަކު މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވިއެވެ. އެ ހުރިހާ ނަމެއް ރައީސުލް ޖުމްޙޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އެ ނަން ލިސްޓު އިތުރަށް ދިރާސާކުރަން ފޮނުވުމުން ހުރިހާ ނަމެއް ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
އެރިޕޯޓްގައި ކޮމިޓީން މަޖިލީހަށް ލަފާދީފައިވަނީ، އެ ކޮމިޓީން ނަންނަން ދިރާސާކޮށް، ޕޮއިންޓްދިން ނިސްބަތުން 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީއަށް އައްޔަން ކުރުމަށެވެ.
ކޮމިޓީގެ ރިޕޯޓްގައި ވާލިސްޓުގައިވާގޮތުން 75 މާކްސްއަށްވުރެ މަތިން ހަތަރު ބޭފުޅަކަށް ވަނީ މާކްސް ލިބިވަޑައިގެންފައެވެ.
އޭގެ ތެރެއިން .75.30 މާކްސް މާނިއުއަށް ލިބިފައިވާއިރު، 77.57 ޕޮއިންޓް ޑރ. އާއިޝަތު ޝެހެނާޒް އާދަމް އަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 78.83 އަލީ މުހައްމަދު މަނިކަށް ލިބިވަޑައިގެންފައިވާއިރު، އެންމެ މަތީ މާކްސްގެ ގޮތުގައި 84.33 ޕޮއިންޓް ލިބިވަޑައިގެން ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ، އަލްއުސްތާޒާ އައިމިނަތު ރުކުޝާނާ އިބްރާހިިމް އެވެ.
މާނިއު އޭނާގެ ނަން އުނިކުރަން ހުށަހަޅާފައި މިވަނީ، ރިލްވާން ގެއްލުނު މައްސަލަައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔައިރު އިންޓްގްރިޓީ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވީ މާނިއުއަށް ވެފައި ފުލުހުންގެ ތަހުގީގުގައި އިހުމާލުވެފައިވާކަމަށް ބުނާއިރު އެކަމަށް ފިޔަވަޅެއް އަޅާފައިނުވާ މައްސަލައިގައި ފާޑުކިޔަން ފެށުމުންނެވެ.
އެކަމާ ގުޅިގެން މާނިއުގެ އިހުމާލު އޮތްކަމަށް ބުނެ، އެންއައިސީގެ މެންބަރުކަމަށް އޭނާ އަލުން އައްޔަންކުރުމާ ދެކޮޅަށް ރިލްވާންގެ އާއިލާއިންވެސް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.