(25 ޖޫން ގެ އަދަދާ ގުޅޭ)
މަލިކުމީހުންގެ ކެއިންބުއިން
އެއް އަސްލަކަށް ނިސްބަތްވާ އެއް އާއިލާއެއްގެ ދެގޮފީގެ ހައިޘިއްޔަތުން މަލިކުމީހުންނާއި ދިވެހީންގެ ކެއިންބުއިންވެސް މުޅިން އެއްގޮތެވެ. ދެބައިމީހުންވެސް މައިގަނޑު ކެއުމަކަށް ބޭނުން ކުރަނީ ހަނޑުލެވެ. އާދެ، ބަތެވެ. ބަތާއި ރިހަ އެވެ. ސައިގެ ވަގުތުތަކުގައި ބޭނުން ކުރަނީ ހަނޑުލުފުށާއި ގަބުޅިހުންޏާއި ހަކުރު ނުވަތަ ކާށްޓާއި މަހާއި ހަނޑުލުފުށް އޭގެ މައިގަނޑެއް ކަމުގައި ހިމެނޭ ހެދިކާގެ ބާވަތްތަކެވެ. ދިވެހީންގެ ހިތުގައި ކަނޑުމަހަށް އޮންނަ ޝައުޤު މަލިކު މީހުންގެ ހިތުގައިވެސް އޮވެއެވެ. މަހުގެ ކޮންމެވެސް ބާވަތެއްގެ ރިހަޔަކާއި ތެލުލިމަހަކީ އެމީހުންގެ ކެއުމުގައި ކޮންމެހެންވެސް ހުރުން ލާޒިމު އެއްޗެއްސެވެ. އެއްގަމުމަސް ބޭނުންކުރުން ދިވެހިރާއްޖެއަށްވުރެވެސް މަލިކުގައި މާމަދެވެ. އިހުގެ ދިވެހީންގެ ކެއުމުގެ އާދަކާދަ އޮންނަ ބީދައިންނެވެ.
ކައްކާ ރިހަތަކުގެ ރަހައާއި ވައްތަރުތަކަށް ބަލާއިރުވެސް ފެންނަނީ، ބޭރުގެ ކެއްކުންތައް ރާއްޖެއަށް ތަޢާރުފުވުމުގެ ކުރިން ކައްކައި އުޅުނު ދިވެހިކެއްކުމުގެ ރަހަތަކާއި ގޮތްތަކެވެ. މިހާރުވެސް ރާއްޖެތެރޭގައި ޚާއްޞަކޮށް ރާއްޖޭގެ އުތުރުގައި ބޭނުންކޮށް އުޅެނީ މަލިކުގައި ކައްކައި އުޅޭ ކެއްކުމެވެ.
މަލިކުމީހުންނަކީ ވަރަށް މީރުކޮށް ކައިއުޅޭ ބަޔެކެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރޭގައިވެސް އިހުގައި އެކަން އޮންނަނީ އެގޮތަށެވެ. ދެބުރިއަށް ނުވަތަ ތިންބުރިއަށް ގެދޮރު ޢިމާރާތް ކުރުމާއި ނުވަތަ ރާނައި ފައްކާ ކުރުމާއި ބައެއް ކަހަލަ އަގުބޮޑު ތަކެތި ހޯދުމުގެ އާދަ ހިފެންދެން ދިވެހީންނާ މަލިކުމީހުންނާ މުޅިން އެއްގޮތެވެ. އާދެ، "ކައިގެން ވާ މަރަކީ ހެޔޮމަރު" ފަދަ މުސްކުޅި ބަސްތައް އުފެދިގެން އައީ މިދެންނެވި ގޮތުންނެވެ.
މަލިކުގެ އާދަކާދަ އޮންނަގޮތުން ފިރިހެނުން ކޮންމެ ރެޔަކު ފަތިސްނަމާދަށް ތެދުވެ ގިފިލިން ނިމިގެން ނުކުތުމާއެކު ކަޅުސައިތަށްޓެއް (މަލިކުބަހުރުވައިގައި ރަތްސައިތަށްޓެއް) ލިބެއެވެ. ނަމާދުން އަންނައިރު ސައިތައްޔާރުކޮށްފައި ހުރެއެވެ. ސައިގައި ހުންނަނީ، ދެތިންވައްތަރެއްގެ ހެދިކާ (މަސްއައްޕަން ނުވަތަ ހަރުއައްޕަން ނުވަތަ ހަކުރުބޮޑުއައްޕަނާއި ލިޔެފައިހުންނަ ވަޅޯމަސް ނުވަތަ ހިކިމަހުސަޓަނި) އާއި ސައެވެ. ނުވަތަ ސަޔާއި ދޮންކޭލާއި ކުކުޅުބިހާއި ކޮންމެވެސް ވައްތަރެއްގެ ހެދިކާގެ ބާވަތެކެވެ.
ހެނދުނުނާސްތާ ނުވަތަ ހެނދުނުސައި އޮންނަނީ އަށެއް ނުވައެއް ޖަހާ އެހާކަންހާއިރުއެވެ. ނާސްތާއަށް ހުންނަނީ ކިރުބޮޑުއައްޕަން ނުވަތަ ކިރުފޮޅިއާއި ފަރާޓާ ނުވަތަ ރޮށްޓާއި (ޗަޕާތީ) މަސްރިހަ ނުވަތަ ތަރުކާރީރިހައަކާއި ތެލުލިމަސް ނުވަތަ މަހުގެ ސަޓަންޏާއި ސައެވެ. ފިރިހެނުން ގޭގައި ތިބިކަމުގައިވާނަމަ ދިހައެއް ޖަހާއިރު ޖޫސް ނުވަތަ ސައި ލިބެއެވެ. އަޅުގަނޑުމެން ކިޔާ ޖޫހަށް މަލިކުމީހުން ކިޔަނީ ސަރުބަތެވެ.
މުސްކުޅި ދިވެހި އާދަކާދަޔާ އެއްގޮތަށް މަލިކުމީހުންވެސް މެންދުރު ކައިއުޅެނީ މެންދުރުނަމާދުގެ ފަހަށެވެ. މެންދުރު ކައިއުޅެނީ ބަތާއި ރިހައާއި ތެލުލިމަހާއި އަސާރައާއި ޕާޕަރެވެ. ޢާންމުގޮތެއްގައި ތިންވައްތަރެއްގެ ރިހަ ހުރެއެވެ. މިރުސްދިޔަ (ރަތްރިހަ) އާއި ކޮންމެވެސް ތަރުކާރީއެއްގެ ދޮންރިހަޔަކާއި، ކަވާބުރިހައެވެ.
ހަވީރުސައި އޮންނާނީ ޢަޞުރުނަމާދުގެ ފަހަށެވެ. ހަވީރުސަޔަށް ހުންނަނީ، ދެ ވައްތަރެއްގެ ހެދިކާއާއި ސައެވެ. ރޭގަނޑުކަނީ ޢިޝާނަމާދުގެ ފަހަށެވެ. ރޭގަނޑުގެ ކެއުމާ މެންދުރުގެ ކެއުމާ ދާދި އެއްގޮތެވެ. ރޭގަނޑުގެ ކެއުމުގެ ފަހަށް ނިދާގަޑީގައިވެސް ސައި އޮވެއެވެ. ނިދާގަޑީގެ ސައިގައިވެސް ދެތިން ވައްތަރެއްގެ ހެދިކާއާއި ސައި ހުރެއެވެ.
މަލިކުމީހުންނަކީ ވަރަށް ގިނައިން ސައިބޯ ބަޔެކެވެ. ކޮންމެ ގެއެއްގައިވެސް އަބަދު ހުސްނުވެ ސައި ހުރެއެވެ. ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މެހުމާނުންނަށް ކަމޭހިތުމުގެ ރޫޙާ އެއްގޮތަށް ބޭރު މީހަކު ގެއަށް ހިނގައްޖެނަމަ އެމީހަކަށް ސައިދެއެވެ.
މަލިކުމީހުން ހެދިކާއަށް ކިޔަނީ "އައްޕަން" އެވެ. ދިވެހީންގެ ތެރޭގައި އައްޕަނަކީ ވަކި ގޮތަކަށް ފިހާ ޚާއްޞަ ހެދިކާއެކެވެ. ނަމަވެސް ކުރިންވެސް ދެންނެވި ފަދައިން މަލިކުގައި "އައްޕަން" ބޭނުންކުރަނީ ހެދިކާގެ މާނައިގައެވެ. ތިރީގައިމިވަނީ މަލިކުގައި ހަދައިއުޅޭ ހެދިކާގެ ބާވަތްތަކެވެ.
ހެދިކާހަދާގޮތް ލިޔަންވެސް އަޅުގަނޑު ގަސްދުކުރީމެވެ. އަޅުގަނޑުގެ މަލިކުގެ އެންމެ ޒަމާންވީ އެކުވެރިޔާ އައި. މޫސާ (އިޑިޔައްކަލް މޫސާމަނިކުފާނު) ގެ ޢާއިލާގެ އަންހެން ބޭފުޅުން ތިއްބެވީ މަޢުލޫމާތު ދެއްވަންތައްޔާރަށެވެ. ނަމަވެސް އަޅުގަނޑަށް އެކަމަކަށް ވަގުތެއް ނުލިބުނެވެ.
ހެދިކާތަކުގެ ނަންތަކާ ދޭތެރޭ ޚިޔާލު ކޮށްލުމާއެކު މިއީ އަޅުގަނޑުމެންނާ ވަރަށް ބީރައްޓެހި ބާވަތްތަކެކޭ ދިވެއްސެއްގެ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިބާވަތްތަކުގައި ހުރީ ނަމުގެ ތަފާތެވެ. ރަހަޔަކީ ދިވެހިރަހައެވެ. އަޞްލަކީ ދިވެހީންގެ މައިގަނޑު ކެއުމެއް ކަމުގައިވާ ދިވެހިރުކުގެ ބާވަތްތަކެވެ. އާދެ، ގަބުޅިހުންޏާއި ހަކުރެވެ. ނުވަތަ ކަޅުބިލަމަހާއި ކާށްޓެވެ. ދެން ހަނޑުލުފުށެވެ.
މިސާލެއްގެ ގޮތުން ބޮޑުއައްޕަނަކީ އަޅުގަނޑުމެން މިކިޔާ ބޯކިބަލެވެ. ކިރުބޮޑުއައްޕަނަކީ ކިރުބޯކިބަލެވެ. ސަޓަނިއައްޕަން ނުވަތަ މަސްއައްޕަނަކީ އަޅުގަނޑުމެން މިހަދާ ގުޅައެވެ. އޭގެ މަސްގަނޑުގައިވެސް ރަހައިގައިވެސް ތަފާތެއްނެތެވެ.