ޞަދަގާތް ކުރުމަކީ ތިމާއަށް ކަށްވަޅުގައި ވެސް ސަވާބާއި ދަރުމަ ލިބިލިބި ހުންނާނޭ ކަމެއް ކަމަށާއި މާތްﷲ ގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެ ހަޟްރަތުން ފުއްސެވުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް ކަމަށެވެ.
"މާތްﷲ ގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެކެވެ. ﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެ ހަޟްރަތުން ފުއްސެވުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއްމެއެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށް އޮތް ތަނަވަސް ފުރުސަތެއް ވެސް މެއެވެ. މިފަދަ ހެޔޮ އަމަލުތަކަކީ ވަކި މަހަކަށް ހާއްސަ ކަންކަމެއް ނޫންނެވެ. އަދި ކީއްހެއްޔެވެ! ﷲ ގެ މަގުގައި ހޭދަކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރު ތެރޭގައި ވެސް ކުރަންވާނޭ ކަންކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މުދަލަށް ލޯބިކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެއް ކަމަށާއި ތިމާއަށް އޮތީ ހަވާ ނަސްފާ ދެކޮޅަށް ﷲ ގެ މަގުގައި ހޭދަކުރުން ކަމަށެވެ.
އަމިއްލަ އެދުންތައް އެއްކިބާކޮށް، އެކަލާނގެ ރުހިވޮޑިގަތުން ލިބޭތޯ ޞަދަގާތްކޮށް އުޅުމެވެ. ސަލާމަތާއި ފަލާހާއި ކާމިޔާބީ އޮތީ އެގޮތަށް އަމަލުކޮށްގެންނެވެ. މުދަލަކީ އިމްތިހާނެކެވެ. ވަގުތީ އެއްޗެކެވެ. ތިމާއަށް ފައިދާކުރާނީ އެ މުދާ ހޭދަކުރަންޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުމުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ މީހުންނަށް ހެޔޮ ފޯރުކޮށްދިނުމާއި ހެޔޮގޮތުގައި ﷲ ގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި ލޯމަރާލަން ޖެހޭނީ މާދަން ނޫން ކަމެއް އެއްވެސް ނަފުސަކަށް ނޭނގޭނެ ކަމަށެވެ.