ކްރިމިނަލް ކޯޓް

އިބްރާހިމް ދީދީ ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީީދީގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އިބްރާހީމް ދީދީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ޓްރެއިނިން ރަށް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ސިފައިންގެ ކުރީގެ މާލޭ އޭރިޔާގެ ކޮމާންޑަރު ގެ ހައިސިއްޔަތުންނެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިންވެސް އިބްރާހީމް ދީދީގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ނަމަވެސް އެ މައްސަލަ އަނބުރައި ގެންދިޔުމަށްފަހު އިބްރާހީމް ދީދީގެ މައްޗަށް ވަނީ އަލުން ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. ދީދީގެ މައްޗަށް ފަހުން ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަންދުކުރި މައްސަލައާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އެމަނިކުފާނަށް ކޮށްފައެވެ.