ވިޔަފާރި

" އައިއެމްޓީއެމް 2019 " ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި

މުހައްމަދު އައުޒަމް

"އައިއެމްޓީއެމް 2019" ވަރަށް ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

ދެދުވަހުގެ މުއްދަތަކަށް ފަރުކޮޅުފުށީގައި ބޭއްވި "އައިއެމްޓީއެމް 2019" ގައި 50 އަށްވުރެ ގިނަ ލީޑިންގ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންސީތަކުން ބައިވެރިވެފައިވެއެވެ. އަދި 25 ގައުމަކުން އެކި ދާއިރާތަކުގެ ފަރާތްތައް ބައިވެރިވެފައިވާއިރު މި ބައިވެރީންނަށް ރާއްޖެއިން ލިބޭނެ އާ ފުރުސަތުތައް ހޯދައި ޓުއަރިޒަމް ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު އައިއެމްޓީއެމް އިން ވަނީ "އައިއެމްޓީއެމް 2019" ގައި ފަހިކޮށްދީފައެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އައިއެމްޓީއެމްގެ މެނޭޖިންގ ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދު ވިދާޅުވީ ''އައިއެމްޓީއެމް 2019'' އަކީ ހުރިހާގޮތަކުންވެސް ކާމިޔާބު ފެއާއެއްކަމަށެވެ. ޝިއުނާ ވިދާޅުވީ މިފެއާއަށް އުއްމީދުކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ.

"އައިއެމްޓީއެމް 2019" ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އެމަނިކުފާނުވަނީ ފެއާރ ފައްޓަވައިދެއްވުމަށްފަހު ސްޓޯލްތަކަށް ޒިޔާރަތްކޮށް ފެއާރގެ ބައިވެރީންނާއި ބައްދަލުކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އަލީވަހީދުވެސް ވަނީ ފެއަރގެ ފަހު ދުވަހު ފެއަރ އަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި ފެއަރ ބައްލަވައިލެއްވުމަށްފަހު ވަން އޮންލައިންއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ވަނީ "އައިއެމްޓީއެމް 2019" ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އާރޯތާނާކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ އަލީ ވަހީދުވެސް ވަނީ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ފެއާރގެ ބައިވެރިންނާ ބައްދަލުކުރައްވައިފައެވެ.

"އައިއެމްޓީއެމް 2019"ގެ ކާމިޔާބީއަށްފަހު ޕާޓްނަރުންނާއި ސްޕޮންސަރުންގެ އިތުރުން މިއަހަރު ފެއަރ އަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އައިއެމްޓީއެމްގެ މެނޭޖިންގ ޑިރެކްޓަރ ހައްވާ ޝިއުނާ ހާލިދު ވަނީ ހުރިހާބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ. އަދި އެރަސްމިއްޔާތުގައި ޕާޓްނަރުންނަށްވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ.

"އައިއެމްޓީއެމް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.