ވިޔަފާރި

މި ހަފްތާ ބަންދުގައި ކަލާ ރަންގެ އިތުރުން އުރީދޫގެ އިތުރު ދެ ހަރަކާތެއް އައްޑޫގައި

މަރިޔަމް ޝަހުދާ

މި ހަފްތާ ބަންދުގައި ކަލާ ރަންގެ އިތުރުން އުރީދޫގެ އިތުރު ދެ ހަރަކާތެއް އައްޑޫގައި ކުރިއަށް ދާނެކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން މައުލޫމާތު ދިން ގޮތުގައި އުރީދޫ ކަލާ ރަންގެ އިތުރުން އުރީދޫ ގުޑި މަހާސަމާ އަދި އުރީދޫއާ ގުޅިގެން ކުރިއަށްގެންދާ ޓްވިޓް ސާފު މި ހަފްތާ ބަންދުގައި އައްޑޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖޫން 28 ވާ ހުކުރު ދުވަހު އުރީދޫ ގުޑި މަހާސަމާ އަދި އުރީދޫ ކަލާ ރަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޓްވިޓްސާފު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 29 ވާ ހޮނިހިރު ދުވަހު އެވެ.

އުރީދޫގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގުޑި މަހާސަމާއަކީ ކަލާ ރަންގެ ކުރިން އުރީދޫ އިން ކުރިއަށްގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ހެނދުނު އަށަކުން 10 އަކަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ގުޑި މަހާސަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. އުރީދޫ ގުޑި މަހާސަމާގެ ތެރެއިން މަޑި އެރުވުން، މަޑި ހެދުމުގެ ވޯކްޝޮޕްތައް އަދި ކުޑަކުދިންނަށް ހާއްސަ އެކި ކުޅިވަރުތަކުގެ އިތުރުން ފުލުހުންގެ ސްޓޯލެއް ހިމެނެއެވެ. އަދި ގުޑި މަހާސަމާގެ ތެރެއިން އުރީދޫ ކަލާ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

ހުކުރު ދުވަހު ހަވީރު 3:30 އިން 6:00 އަކަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ އުރީދޫ ކަލާ ރަން އަކީ އައްޑޫގައި އުރީދޫއިން މި ހަރަކާތް ހިންގާ ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަކު އުރީދޫ އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ކަލާ ރަން އައްޑޫގެ އިތުރުން މިއަހަރު މާލޭގައިވެސް ކުރިއަށް ދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ފަސް ކިލޯ މީޓަރުގެ މިދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން އެހިސާބުގައި ބަހައްޓަފައިވާ ކަލާ ސްޓޭޝަނުން އެކަން ކުލަ ގަދަކޮށް ފާހަގަ ކުރެއެވެ. އަދި މި ރޭހުގައި ދުވުމުގެ އިތުރުން، ހިނގާފައި އަދި ޖޮގްކޮށްފައިވެސް ރޭސް ނިންމޭނެ ކަމަށާއި މިއީ ވަކި ވަގުތެއްގެ ތެރެއިން ނިންމުމަށް ކަނޑައަޅާފައިވާ ރޭހެއް ނޫންކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

މީގެ ކުރިން ހުޅުމާލޭގައި ކުރިއަށް ދިޔަ ޓްވިޓްސާފު ޕްރޮގްރާމްވެސް މި ހަފްތާ ބަންދުގައި އައްޑޫގައި ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމް އައްޑޫގައި ކުރިއަށް ދަނީ އުރީދޫގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ހޮނިހިރު ދުވަހު ހަވީރު 3:00ގަިއ ހިތަދޫ ސްޓޭޖް ސަރަހައްދުގައި މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ހަފްލާ ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. އަދި ސާފު ކުރުމުގެ ހަރަކާތް އައްޑޫގެ ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.