ޕީޕީއެމް ގެ ބާރުތައް ރައީސް މައުމޫނާ ހަވާލު ކުރުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލަމުން އަންނަނިކޮށް، ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.
ޕީޕީއެމް ގެ އިސް އޮފިޝަލަކު ވަނީ "ވަން އޮންލައިން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅޭ ހުރިހާ ފައިލެއް ވަނީ މިއަދު ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.
ރައީސް މައުމޫނާ ޕީޕީއެމް ހަވާލުކުރުމުގެ މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓުން ގެންދިޔަ އިރު، ސވިލް ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް މިދިޔަ ހަފުތާގެ ތެރޭގައި ފަށައިފަ އެވެ.
ރައީސް މައުމޫނާ ޕީޕީއެމް ކުރީން އޮތް ގޮތަށް ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެއްދީ ގދ. ތިނަދޫ ބީޗް ރެސްޓް، އަހުމަދު ރަޝީދު އެވެ. އަހުމަދު ރަޝީދު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތީ ސައްހަ ލީޑަޝިޕެއް ނޫން ކަމަށެވެ.
ޕީޕީއެމް މިހާރު ހިންގަމުން އަންނަނީ އެ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. އެ ޕާޓީން މިިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޚާއްސަ ގޮތުން ބާއްވާ ކޮންްގްރެސް އެއް ބާއްވައި ޕާޓީގެ އިސް މަގާމު ތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ ގޮތުން ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިޚާބުކޮށްފަ އެވެ. އެހެން ނަމަވެސް އެ ކޮންގްރެސްގެ ނިންމުންތައް ސައްހަ ނޫން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންގްރެސްގެ ނިންމުތައް ބަލައިނުގަންނަން ނިންމައިފަ އެވެ.
ދާދި ފަހުން އިލެކްޝަނުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމްގެ ކޮންގްރެސް ގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އަދި ޕާޓީގެ މަގާމު ތަކަށް ވެސް މެންބަރުން ނޫން މީހުން ވަނީ އިންތިޚާބުކޮށްފަ އެވެ.