ޝަރުއީ ދާއިރާ

ޖޭއެސްސީގެ މެންބަރުކަން ލަތީފާއަށް ގެއްލި، ވަކީލުންނަށް ފިޔަވަޅުއެޅުން ކޯޓުތަކަށް ގެއްލިއްޖެ

އިބްރާހިމް ޒަކީ

ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރު ލަތީފާ ގާސިމްގެ މެންބަރުކަން ގެއްލި، ކޯޓުތަކުން ވަކީލުންނަށް ފިޔަވަޅުއެޅުމަށް ކޯޓުތަކަށް ލިބިފައިވާ ބާރުވެސް ގެއްލިއްޖެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ.

ލަތީފާ ގާސިމްގެ މަގާމު ގެއްލިފައިވަނީ، އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުން ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެންބަރުގެ މަގާމު ގެއްލޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލަތީފާ ގާސިމް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ ވަކީލުންގެ ފަރާތުން އިންތިހާބު ކުރައްވާފައިވާ މެންބަރުގެ ގޮތުގައެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ މި ގާނޫނަަށް އަމަލު ކުރަން ފެށުމުގެކުރިން ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެ ހުއްދަ ހިފެހެއްޓުމާއި ބާތިލު ކުރުމައި ގުޅޭގޮތުން އަމަލު ކުރެވެމުންއައި އެންމެހައި ގަވާއިދު ތަކާއި އިޖުރާއަތްތައް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވާނެ ކަމަށެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު ވެސް އޮނާނީ މި ގާނޫނުން އުފެދޭ ބާކައުންސިލްއަށެވެ.

ގާނޫނުގެ 66 ވަނަ މާއްދާގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަކީ، މިގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ މީހުން ކަމަަށް ވާންވާނެ ކަމަށެވެ.

ގާނޫނުގައި ވަކީލުންނަށް ފިޔަވަޅު އެޅުންވެސް މަތި ކޮށްފައިވަނީ ބާ ކައުންސިލާއެވެ. އެހެންކަމުން ކޯޓުތަކުން ވަކީލުން ސަސްޕެންޑްކޮށް، ހުއްދަ ބާތިލުކުރަމުން އައި އައުމަށް ނިމުމެއް އައިސް އެ މަސްއޫލިއްޔަތުތައްވެސް ބާ ކައުންސިލްގެ މައްޗަށް ލާޒިމް ވެގެންދާނެ އެވެ.