އިބްރާހިމް ޒަކީ
"ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ" އުފައްދައި، ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހުރިހާ ކަމެއް އެތަނަށް ބަދަލުވާގޮތަށް، ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްރީސްގެ ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ މި ބިލުގައި ވާގޮތުން، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ދިވެހި ވިޔަފާރިވެރީންގެ ގައުމީ ޖަމިއްޔާގެ އެންމެހައި ފައިސާއާއި މުދަލާއި ދަރަނި އަދި ހިންގުން "ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ" އަށް ބަދަލުވެގެންދާނެ އެވެ.
އަދި މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު "ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ" ގެ ނަމުގައި ޗެމްބަރެއް އުފެއްދުމުގެ އެންމެހާ ކަންކަން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނާގޮތުން މިނިވަން މުސްތަގިއްލު ގާނޫނީ ޝަހުސެއް ގޮތުގައި، ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ އުފެއްދުމުގެ މަގުސަދަކީ، ވިޔަފާރި އާއި ވިޔަފާރީގެ ސިނާއަތުގެ ހޭލުންތެރިކަން އިތުރު ކުރުމާއި، އެ ދާއިރާގެ ހަރަކާތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމާއި، އެ ދާއިރާގައި އުފެދޭ ދެބަސްވުން ތަކާއި ހިލާފުތައް ނައްތާލުމާއި، އެ ސިނާއަތް ތަރައްގީރުމަށް މަސައްކަތް ކުރުމެވެ. އަދި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ސިނާއަތާގުޅޭ ގާނޫނުތަކާއި ގަވައިދުތައް ދިރާސާކޮށް ހުރަސްއެޅޭކަންކަން އިސްލާހުކުރުމާއި، އެ ދާއިރާއާގުޅޭ މައުލުމާތާއި އިލްމު ފޯރުކޮށްދިނުމާއި، ޓްރޭޑް ފެއާތައް ބޭއްވުުގެ އިންތިޒާމްތައް ހަމަޖެއްސުންވެސް މި ޗެމްބަރ އުފެއްދުމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައިވާގޮތުން، މިގާނޫނު ފާސް ވުމުން ފުރަތަމަ އުފައްދަން ޖެހެނީ، ދެ އަހަރު ދުވަހުގެ މުއްދަތަށް، އިންތިގާލީ ގަވާނިންގ ބޯޑެކެވެ. އެ ގަވާނިން ބޯޑުގައި ހިމެނޭނީ، ރައީސް އާއި ނާއިބު ރައީސް އާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އާއްމު ފަސް މެންބަރުންނެވެ.
އެގޮތުން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ މަސްއޫލުވެރިންގެ ތެރެއިން ކަނޑައަޅާ ތިން މެންބަރުންނާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާ 2 މެންބަރުންނާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތުން ހުށަހަޅާ މެންބަރެއްގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކުގެ ފަރާތުންހުށަހަޅާ މެންބަރަކާއި، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މެންބަރެއް ބޯޑުުގައި ހިމެނޭނެއެވެ.
މިބޯޑު އައްޔަން ކުރުމާއެކު ދިވެހި ވިޔަފާރިވެރީންގެ ގައުމީ ޖަމިއްޔާގެ ބޯޑު އުވިގެންދާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
ބިލުގައިވާގޮތުން މި ޗެމްބަރ އުފެއްދުމުން ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއަކާބެހޭ މައުލޫމާތު ހިމެނޭ ދަފްތަރެއް އެ ތަނުގައި ގާއިމް ކުރެވޭނެ އެވެ.