ވިލާތުގެ ދެ ގައުމަކުންނާއި ދެކުނު އޭޝިޔާގެ ގައުމަކުން ޕާރުސަލެއްގައި ރާއްޖެއަށް އެތެރެކުރި ޕާޓީ ޑްރަގްސްތަކެއް ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމުން މިއަދު ބުނީ، މިމަހުގެ 13 ވަނަ ދުވަހު ތުރުކީވިލާތުން ރާއްޖެއަށް އެތެރެކުރި ޕާރުސަލެއްގެ ތެރެއިން 37 ގްރާމް ކެނަބިސް އަތުލާފައިވާ ކަމަށާއި މިމަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުން އެތެރެކުރި ޕާރުސަލެއްގައި ހުރި އެމްޑީއެމްއޭ، 61 ގްރާމް ކުރިސްޓަލް އަތުލާފައިވާކަމަށެވެ.
އަދި ހަމަ އެދުވަހު އިނގިރޭސިވިލާތުން ރާއްޖެ އެތެރެކުރި ޕާރުސަލެއްގެ ތެރެއިން އެމްޑީއެމްއޭ، 32 ގްރާމް ކުރިސްޓަލް އަތުލާފައިވާކަމަށާއި، އަދި އެދުވަހު ސްރީލަންކާއިން ރާއްޖެ އެތެރެކުރި ޕާރުސަލެއްގެ ތެރެއިން އެމްޑީއެމްއޭ، ދެ ގްރާމް، (ފަސް ގުޅަ) އަތުލާފައިވާކަމަށް ވެސް ކަސްޓަމުން މައުލޫމާތު ދެއެވެ.
ކަސްޓަމުން ބުނީ މިއީ ޕޯސްޓްގެ ޒަރީއާއިން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. އަދި އެތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ އެތަކެތީގެ ބަރުދަނުގައި ޖުމްލަ 132 ގްރާމް ހުރިއިރު، އެތަކެއްޗާއެކު މައްސަލަ ތަހުގީގު ކުރުމަށް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.