އޮޑިޓް އޮފީސް

އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅިގެން، އެމްޕީއެލް އަށް ލިބެންޖެހޭ 5.5 މިލިޔަން ޑޮލަރު އަދިވެސް ނުލިބޭ

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތުުގެ މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ލިބެންޖެހޭ 5.5 މިލިޔަން ޑޮލަރު އަދިވެސް ނުލިބިވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މެންބަރުންނަށް މައުލޫމާތު ދެއްވަމުން އެސިސްޑެންޓް އޮޑިޓަރ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، އޮޑިޓް ކުރުމުން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ބޮޑެތި ހިޔާނާތްތަކެއް ފާހަގަ ކުރެވިފައިވާކަމަށެވެ.

އޭގެ ތެެރެއިން އެއް ކަމަކީ، 2014 ވަނަ އަހަރު ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން އެމްއެމްޕީއާރުސީއާ ކޮށްފައިވާ މުއާމަލާތެއް ކަމަށާއި އެ މުއާމަލާތުގައި 13 މިލިޔަން ޑޮލަރު ގަތުމަށްޓަކައި އެމްޕީއެލްއިން އެމްއެމްޕީއާރުސިއާއެކު ކުރި 205 މިލިޔަން ރުފިޔާގެ ދެ މުއާމަލާތް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޕީއެލްއަށް ލިބެންޖެހޭ 5.5 މިލިޔަން ޑޮލަރަކީ އެ މުއާމަލާތްތަކުގެ ތެރެއިން މިހާތަނަށްވެސް ނުލިބިހުރި ފައިސާ ކަމަށެވެ.

އައިމަން ވިދާޅުވީ، އެމްޕީއެލްގެ ބޯޑުން ނިންމައިގެން ކޮށްފައިވާ އެ މުއާމަލާތަކީ، އެމްޕީއެލްއަށް ޑޮލަރު ބޭނުންވެގެން ކޮށްފައިވާ މުއާމަލާތްތަކެއް ނޫން ކަމަށާއި، އޭގެ ފުރަތަމަ މުއާމަލާތުގައި، 5 މިލިޔަން ޑޮލަރު ގަންނަން 77 މިލިޔަން ރުފިޔާއިން ހިންގި މުއާމަލާތުގައި ލިބެންޖެހޭ، 2.5 މިލިޔަން ޑޮލަރު ނުލިބި އޮއްވައި ދެވަނަ މުއާމަލާތްކުރަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

ދެވަނަ މުއާމަލާތަކީ، 8.3 މިލިޔަން ޑޮލަރު ގަތުމަށް ކޮށްފައިވާ 128 މިލިޔަން ރުފިޔާގެ މުއާމަލާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ، އެމްޕިއެލްއިން އެމްއެމްޕީއާރުސީއަށް ފައިސާ ފޮނުވާ ދުވަހު، އަމިއްލަ ދެކުންފުނި ކަމުގައިވާ އެސްއޯއެފް އާއި މިލިނިއަމް ކެޕިޓަލް އިންވެސްޓްމަންޓާއެކު އެއްބަސްވުމެއް ހަދައި އެ ފައިސާ ޖަމާކުރަނީ އެ ދެ ކުންފުންޏަށް ކަމަށެވެ. އަދި އެ މުއާމަލާތްތައް ހިނގާފައިވަނީ، ކުޑަ ފައިދާއާއެކު އެ ކުންފުނިތަކުން އެ ފައިސާ އަލުން އެމްއެމްޕިއާރުސީއަށް ރީ ޕޭ ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ

"ހަގީގަތުގައި އެ ދެ ކުންފުނިންވެސް އެމްއެމްޕީއާރުސީއަށް ޖަމާކުރަނީ، އެ ކުންފުނިތަކުގެ ފައިސާއެއްނޫން، އެއީ އެމްއެމްޕީއާރުސީގެ ފައިސާ އަނެއްކާވެސް ރީ ޕޭ ކުރަނީ،" އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ، ޑޮލަރުގެ މުއާމަލާތް ކުރުމަކީވެސް އެމްއެމްޕީއާރުސީގެ މެއިންޑޭޓާ ހިލާފު ކަމެއް ކަމަށާއި އެއީ ޕްރޮމޯޝަނަލް ކުންފުންޏެއް ކަމަށެވެ.