ޕޮލިސް

ވައްކަންކުރި މީހެއްގެ ގަޔަށް ކަޅުތެޔޮ ޖަހައި، ގަން ހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

1

ހދ. ހަނިމާދޫގައި ރޭ ވައްކަން ކުރި ކަމަށްބުނެ، ޒުވާނަކު ހިފަހައްޓައި އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހައި، ގަން ހިންގުވައިފިއެވެ.

''ވަންއޮންލައިން'' އަށް އެނގިފައިވާ ގޮތުގައި ހަނިމާދޫ ޒުވާނުން ނުކުމެ، އެރަށުން ވައްކަންކުރާ މީހުން އަތުލުމަށްފަހު ފުލުހުންނާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ހަނިމާދޫގައި ސައިކަލެއް ފަޅާލިކަމަށް ތުހުމަތުކުރެވޭ ޒުވާނަކު ހިފަހައްޓައި ގަޔަށް ކަޅުތެޔޮ ޖަހައި، ގަން ހިންގުވުމަށްފަހު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ހަސަން ސަލީމު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ހަނިމާދޫގައި ޒުވާނަކު ހިފަހައްޓައި ކަޅުތެޔޮ ޖެހުމަށްފަހު ގަން ހިންގުވިކަން ރަސްމީ ސިފައެއްގައި އެނގިފައި ނުވާކަމަށެވެ.

ނަމަވެސް މިއަދު މީސް މީޑިއާގައި ފޮޓޯތައް ދައުރުވަމުންދާކަން އެނގިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ހަނިމާދޫގައި މީހަކު ގަން ހިންގުވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް އާންމުން ނުކުމެ، ވައްކަންކުރާ މީހުން ހިފަހައްޓައި ގަން ހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކުރެއެވެ. އެގޮތުން ހުޅުމާލޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ބަރަހަނާކޮށް ގަން ހިންގުވާފައިވެއެވެ.

އަދި މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށްނެގި ޒުވާނަކުވެސް ހިފެހެއްޓުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، މާފަންނުގައި ހުރި މާބްލް ގެސްޓް ހައުސް ކުރިމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވެސް ޒުވާނަކު ހިފަހައްޓައި އަނިޔާކުރުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފައިވެއެވެ.

މި ގޮތަށް ރައްޔިތުން ނިކުމެ، އަމަލު ނުކުރުމަށާއި ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟