ޕޮލިސް

ސިކުނޑި ހަމަނުޖެހޭ މީހަކު މަގުމަތީ އުޅެނިކޮށް ފުލުހުން އަނބުރާ އޭނާ އޭޑީކޭއަށް ގެންގޮސްދީފި

ޝަހީދާ އަބްދުﷲ ސައީދު

އޭޑީކޭއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ސިކުނޑި ހަމަނުޖެހޭ މީހަކު އެހީތެރިޔާއަށް ނުކިޔަމަންތެރިވެ މަގުމައްޗަށް ނުކުމެ އުޅެނިކޮށް، ފުލުހުން އޭނާ އަނބުރާ އޭޑީކޭއަށް ގެންގޮސްދީފިއެވެ.

ފުލުހުން މިރޭ ބުނީ އޭޑީކޭއަށް ފަރުވާއަށް ގެންދިޔަ މީހާ އެހީތެރިއަށް ނުކިޔަމަންތެރިވެ ހޮސްޕިޓަލުން ނުކުމެގެން ގޮސްފައިވާ ކަމަށާއި އެހެން އުޅުމުގެ ތެރޭގައި މިރޭ 7:08 ހާއިރު ސޯސަންމަގާއި އަމީރު އަހުމަދު މަގު ގުޅުނު ސަރަހައްދުން ފުލުހުންގެ ބީޓަކާ ދިމާވުމުން އޭނާ އަނބުރާ އޭޑީކޭއަށް ގެންގޮސް ދިނުމުގައި ފުލުހުން އެހީތެރިވެފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށް ގެނެސް، ފުލުހުންގެ ވެހިކަލުގައި އޭޑީކޭއަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިކުނޑި ހަމަނުޖެހޭ މީހަކު މިރޭ މަގުމަތީ އުޅެނިކޮށް، ފުލުހުން އޭނާ އޭޑީކޭއަށް ގެންގޮސްދިން އިރު، މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ފުލުހުން ބަންދުކޮށްފައިވާ ގްރީން ޒޯނުގައި އާދަޔާ ހިލާފަށް މީހަކު ހަރަކާތްތެރިވާތީ ބެލިއިރު އޭނާ ހުންގަދަވެފައި ހުރުމުން ފުލުހުން ވަނީ އޭނާގެ އާއިލާއަށް އެކަން އަންގައި އެހީތެރިޔަކާއެކު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.