ކޮމިޝަނާ އޮފް ޕޮލިސް

އަތުލައިގަންނަ މަސްތުވާތަކެތި ޝަރުއީ މަރުހަލާއަށް ބޭނުންވާ ވަރަށް ބަހައްޓާފައި ނައްތާލުމަކީ އަމާޒެއް: ޕޮލިސް ކޮމިޝަނަރު

ފުލުހުންގެ އަމާޒަކީ އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ ތަކެތި، ޝަރުއީ މަރުހަލާއަށް ބޭނުންވާ މިންވަރަށް ބެހެއްޓުމަށްފަހު ނައްތާލުމަކީ އަމާޒެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން "މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމަށް މިއަދު ހަވީރު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، އެގޮތަށް މަސްތުވާތަކެތި ނައްތާލާނީ ޝަރުއީ މަރުހަލާއަށް ބަހައްޓަންޖެހޭ 8 ގްރާމްގެ މަސްތުވާތަކެތި ބެހެއްޓުމަށްފަހު ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ނައްތައިލުން މަޑުޖެހިފައި އޮތް ނަމަވެސް ގަވާއިދުގައި އޮންނަ ގޮތަށް އެކަން ކުރަން މަސައްކަތްކުރާނެއެވެ. އަދި އާންމުންނަށް ފެންނަ ގޮތަށް އެތަކެތި ނައްތައިލުމަކީ ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ޕްރޮސެކިޓާ ޖެނަރަލް އައިޝަތު ބިސާމްއާއި އާންމުންގެ ފަސް މީހަކު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ނައްތައިލާފައިވަނީ ތަފާތު 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.

މިއީ މިފަދަ ގޮތަކަށް ފުލުހުންގެ ތާރީޚްގައި ގިނަ އަދަދަކަށް އެއްފަހަރާ މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުންޏެވެ.