ޝަހީދާ އަބްދުﷲ ސައީދު
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމަށް މިއަދު ހަވީރު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާންގެ ވާހަކައިގައި ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރަން ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށާއި އަދި މަސްތުވާތަކެތީގެ އަވައިގައި ޖެހިފައި ތިބި ޒުވާނުން އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްތުވާތަކެތީގެ ޝިކާރައަށްވެފައި ތިބި ޒުވާނުން އެކަމުން ސަލާމަތްކުރުމަށް ހެޔޮބަދަލެއް ގެނެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުންނަށް ވެސް ފުރުސަތު ހުޅުވާލައިގެން ބޭއްވި އެރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ، އާންމުން ބައިވެރިކޮށްގެން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ ނައްތާލުމުން، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހާމަވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތަށްފަހު ފުލުހުން ބުނީ، ތަފާތު 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެތި މިއަދު ނައްތާލާފައިވާ އިރު، މިއީ މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ބިސާމްއާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި މަސްތުވާތަކެތިި ނައްތާލުމަށް އެކުވަލާލި ކޮމިިޓީގެ މެމްބަރުންނާއި މީޑިއާތަކުންނާއި ބައެއް އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މިއީ މިފަދަ ގޮތަކަށް ފުލުހުންގެ ތާރީޚްގައި ގިނަ އަދަދަކަށް އެއްފަހަރާ މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުންޏެވެ.