ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "ޑިޓިއުން" އިން ކެންސަރާ ހަނގުރާ ކުރުމަށް ނެރުނު ލަވައާ ގުޅިގެން ކެންސަރ ސޮސައިޓީއަށް ފައިސާގެ ބޮޑު އެހީއެއް ލިބިއްޖެ އެވެ.
ކެންސަރ ސޮސައިޓީން ބޭއްވި ގާލާ ޑިނާގައި ޑިޓިއުން އިން ވަނީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރުމާ ގުޅޭ ލަވަައެއް ކަމަށްވާ "އާފެށުން" ތައާރަފުކޮށްފައެވެ.
ކެންސަރު ބައްޔާ ހަނގުރާމަ ކުރި ތިން ޒުވާނެއްގެ ވާހަކަ ދައްކާ އެ ލަވަ ރިލީޒްކުރުމާއެކު ބޮޑު ތަރުހީބެއް ލިބެން ފަށާފައިވާ ކަމަށް ޑިޓިއުން އިން ބުނެއެވެ. ކެންސަރު ބަލީގެ ބިރުވެރިކަންވެސް ދައްކުވައިދޭ އެ ލަވައިން ލިބޭ ހުރިހާ އާމްދަނީއެއް ކެންސަރު ސޮސައިޓީއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިޓިއުން އިން ވަނީ ބުނެފައެވެ.
އެ ބޭންޑުން ބުނިގޮތުގައި ލަވަ ރިލީޒްކުރި ފުރަތަމަ ދުވަހު އޮންލައިން މިއުޒިކް ސްޓްރީމިން ސާވިސްއެއް ކަމަށްވާ "ލަވަފޮށި" އިން ބޮޑު އެހީއެއް ކެންސަރ ސޮސައިޓީއަށް ވަނީ ލިބިފައެވެ. އެ ލަވައިގެ ސަބަބުން ކެންސަރ ސޮސައިޓީއަށް ލަވަފޮށީގެ ސީއީއޯ އަބްދުﷲ ނާޒިމް ވަނީ 10،000 ރުފިޔާގެ ޑޮނޭޝަނެއް ކޮށްފައި ކަމަށް ޑިޓިއުން އިން ބުނެއެވެ.
އަދި ލަވަފޮށީގެ ފަރާތުން ކެންސަރު ސޮސައިޓީއަށް ދެއްވި އެހީއަށް ޑިޓިއުން އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
"އާފެށުން" ލަވައިގެ އޯޑިއޯ މިހާރު ލަވަފޮށިން ސްޓްރީމް ކުރެވޭނެ ކަމަށް ޑިޓިއުން އިން ބުންޏެވެ. އަދި އެލަވައިގެ ވީޑިއޯ، ޔޫޓިއުބް އިން ބަލައިލެވޭނެ ކަމަށްވެސް އެ ބޭންޑުން ބުނެއެވެ.
ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ކެންސަރު ސޮސައިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުރަމަތީ ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ "ޕިންކް ރިބަން ރަން"ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބޭއްވި އެ ދުވުމުގައި ރާއްޖޭގެ 27 ރަށަކުން ބައިވެރިވެފައި ވެއެވެ. އެއް ވަގުތެއްގައި ގިނަ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދިޔަ އެ ރަން އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެފަދަ އެންމެ ބޮޑު އެއް އިވެންޓެވެ.